ދަނޑިމަގުގެ މައްޗަށް ކުރި ހޯދައި ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ އޭދަފުށިން ހޯދައިފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މުބާރާރުގެ ގަދަ 16 ގެ ފަހު މެޗުގައި ބައްދަލުކުރީ އޭދަފުއްޓާއި ދަނޑިމަގެވެ.
އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭދަފުށިންނެވެ. އެ މެޗުގައި އޭދަފުށިން ޖެހި ދެ ގޯލަކީ ވެސް ދަނޑިމަގުގެ ހަސަން އަލީފް އަހުމަދު އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ.
އޭދަފުށި އެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ ޒޯނު ދޭއްގެ ރަނަރަޕް ޓީމުގެ ގޮތުގައެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ޒޯނު ދޭއްގައި ހިމެނެނީ ރ. އިނގުރައިދޫއާއި ބ. އޭދަފުއްޓެވެ.
އެ ޒޯނުގުގައި ދެ ޓީމު ހިމެނޭތީ އެ ޒޯނުގެ މެޗުތައް ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގުގެ ފައިނަލެއްގެ ގޮތުގައެވެ. އެގޮތުން އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ ފައިނަލް މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއިންނެވެ. އަދި ދެވަނަ ލެގު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއިންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.