ޔޫއެސްއެއިޑުން ރާއްޖޭގައި އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތް އިފްތިތާހުކޮށްފި

ކަނޑުތަކަށް އެޅޭ ޕްލާސްޓިކު ކުނި މަދުކުރުމުގެ ގޮތުން މަސައްކަތްކުރުމަށް ޔޫއެސް އެއިޑުން ރާއްޖޭގައި ޚާއްސަ ހަރަކާތެއް ފެށުން -- ސަން ފޮޓޯ

ކަނޑުތަކަށް އެޅޭ ޕްލާސްޓިކު ކުނި މަދުކުރުމުގެ ގޮތުން މަސައްކަތްކުރުމަށް ޔޫއެސް އެއިޑުން ރާއްޖޭގައި ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. އެ ކަމަނާގެ އިތުރުން ޕާލޭ މޯލްޑިވްސްއާއި ޔޫއެސް އެއިޑްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، އެ ހެޔޮ ގޮތުގައި ނައްތައިލުމުގެ މަސައްކަތް ހަރުދަނާކޮށް އެ ކަމަށް ބާރު އަޅައި އެހީތެރިވުމުގެ ގޮތުން ރާއްޖެ އާއި ސްރީލަންކާގައި ފަސް އަހަރުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ.

މި މަޝްރޫއު ހިންގުމުގެ މައިގަނޑު ހަތަރު މަގްސަދެއް ހިމެނެއެވެ. އެ މަަގްސަދުތަކަކީ:

  1. ޕްލާސްޓިކުގެ އާ އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކުރުން.
  2. ކުނި މެނޭޖުކުރުން ތަރައްގީކުރުމާއެކު ޕްލާސްޓިކު ކުނި މަދުކުރަން ސަމާލުކަން ދީ، ކުނި ނައްތައިލުން ހަރުދަނާކުރުން.
  3. ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް އެހީތެރިވެދިނުމަށް ޓަކައި މުޖުތަމައުގެ ފަރުދުންނަށް އެހީތެރިވެދިނުން.
  4. ކަނޑަށް ޕްލާސްޓިކު އެޅޭ މިންވަރު މަދުކުރުމަށް ޓަކައި ކުނި ނައްތައިލެވޭނެ ހެޔޮ ގޮތްތައް މަގުފަހިކުރުން.

މި ހަރަކާތް އިފްތިތާހުކުރުމަށްފަހު މާލޭގެ ބައެއް ސްކޫލުތަކަށް ނިސްބަތްވާ ދަރިވަރުންވަނީ މާލޭ އާޓިފިޝަލް ބީޗު ސަރަހައްދު ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކު ކުނި އެއްކޮށްފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާވަނީ ކަނޑުގެ ލޮނުގަނޑު މަތިވުމުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން ލޮނުގަނޑު މަތިވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ދިމާވުމާއި، މީރު ފެނުގެ ފަށަލަ ތަޣައްޔަރުވުމުގެ އިތުރުން ރަށު ތެރޭގައި ފެން ބޮޑުވެ އުދަ އެރުމުގެ ހާދިސާތައް އިތުރުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނި ދިރިއުޅުން ބައްޓަންކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މިނިސްޓަރު އައިމިނަތު ޝައުނާ ވާހަކަދައްކަވަނީ -- ސަަން ފޮޓޯ

މި ހުރިހާ މައްސަލައެއްގެ ތެރެއިން ވެސް އެންމެ ބޮޑު މައްސަލައަކީ ކުނި މެނޭޖުކުރުމުގައި ހުރި ދަތިތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަން މިތާ މި ތިބި ކުޑަކުދިންނާއި ޒުވާނުން އަޅުގަނޑުގެ އުމުރަށް އަންނައިރު ރައްކާތެރި ވެއްޓެއްގައި އުޅުމުގެ ފުރުސަތު މި ކުދިންނަށް އޮންނާނެކަމަށް. މިއަދު މިއީ ބޮޑު ގޮންޖެހުމަކަށްވަމުން އަންނަކަމަށް. އެކަމު ތިމާވެށީގެ މައްސަލައެއް އެބައޮތް. އެއީ ކުނި. އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް ގިނަ އަދަދަކަށް ކުނި އުފައްދަން. އެންމެ ގަޑިއިރެއް ތެރޭ ވެސް ބައިވަރު ކުނި މިވަނީ ބީޗާއި މަގުމަތިން އެއްކުރެވިފައި. މީގެން މި މައްސަލައިގެ ހައްސާސްކަން ހާމަވޭ،" ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްލާސްޓިކާ ނުލައި އާންމު ދިރިއުޅުމެއް އުޅުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. އަދި ސްކޫލު ދަރިވަރުންގެ ފަރާތުން ގެންނަން މަސައްކަތްކުރާ ހެޔޮ ބަދަލަކީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލުމުގައި އިސްކަން ދޭނެ މުހިންމު ކަންތައްތަކެއްކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

ބީޗު ސަރަހައްދުން އެއްކުރި ކުނި -- ސަން ފޮޓޯ

ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ބާރުއަޅާ މި މަޝްރޫއުގެ ދަށުން ޕްލާސްޓިކު ކުނީގެ ސަބަބުން ކަނޑު ތަޣައްޔަރުވުމުގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އަދި ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް