ހަށިހެޔޮ ދުވުން 'ޓީއެފްޖީ ރަން'ގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ

'ޓީއެފްޖީ ރަން'ގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާއިން ސޮއިކުރުން --- ސަން ފޮޓޯ

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން މި އަހަރު ބާއްވާ ދުވުމުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ވުމަށް 'ސަން ސިޔާމް މީޑިއާ'އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓީއެފްޖީން އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ތިން ދުވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އެ ދުވުންތަކުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް 'ސަން ސިޔާމް މީޑިއާ' ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކަމުގެ އެއްބަސްވުމުގައި ސަން މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް (މޮންދު)އެވެ. ޓީއެފްޖީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހުސައިން ޒިނާނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު 'ސަން'އާ ވާހަކަދައްކަވަމުން ޒިނާން ވިދާޅުވީ ޓީއެފްޖީން ބާއްވައި، 'އެމްވީ ރަން' އާއި 'ބޮޑު ފަހެއް' އަދި 'ދަ މޯލްޑިވްސް ލޯންގް ރަން'ގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ސަން ސިޔާމް މީޑިއާގެ 'އެސްއެސްޓީވީ' ހަމަޖެހުމާ އެކު އެ ދުވުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގިނަ މަސައްކަތްތަކެއް އެކުގައި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އުންމީދު ކުރަނީ މި އެއްބަސްވުމުގެ ދަށުން އާންމުންނާ ހަމައަށް ދުވުމުގެ މައުލޫމާތު ގެނެސްދެވޭނެ ކަމަށް. ދެ ފަރާތުގެ ވެސް މަގުސަދަކީ، ދުވުމަކީ މީހުން ހަށިހެޔޮކޮށް ތިބުމާއި ޒުވާން އަދި ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް އެންމެ ރަނގަޅު ކަމަކަށް ވާތީ އެ ކަމަށް މީހުން އަހުލުވެރި ކުރުވުން." އޭނާ ވިދާޅުވިއެވެ.

ހުރިހާ ދުވުމެކޭ ވެސް އެއްގޮތަށް މި ފަހަރު ޓީއެފްޖީން އިންތިޒާމު ކުރާ ދުވުމުގެ މަގުސަދަކީ ގިނަ މީހުން ކަސްރަތު ކުރުވުންކަން ފާހަގަކުރައްވައި ޒިނާން ވިދާޅުވީ މި ދުވުމުގައި އެކަކު ކަސްރަތު ކުރުމުގެ ބަދަލުގައި އޮންނާނީ ވީހާ ވެސް ގިނަ ބަޔަކު އެއްވެ، ދުވެ ކަސްރަތު ކުރުން ކަމަށެވެ.

ކޮވިޑު19އަށް ފަހުގައި މި ފަދަ ދުވުންތަކުގައި ބައިވެރިވާ މީހުންގެ ނިސްބަތް މަދުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އުންމީދަކީ މި އަހަރަކީ އަނެއްކާ ވެސް މިފަދަ ދުވުންތަކުގައި ބައިވެރިވާ މީހުންގެ ނިސްބަތް އިތުރު ވެގެންދާނެ އަހަރު ކަމުގައިވުން ކަމަށެވެ.

"އަޅުގަނޑުމެން ދެކެން ބޭނުން ވަނީ ދުވަހަކު ވެސް ފަސް ކިލޯމީޓަރު ނުދުވާ މީހަކު ފަސް ކިލޯ މީޓަރު ދުވާތަން. ދުވެފައި އެ ކަން ފާހަގަކުރާ ތަން. ދެން އޭނާ ކަސްރަތުގެ ތެރޭގައި ގިނަ ކަންތައްތައް ތަޖުރިބާކޮށް އުޅެމުންދާތަން." އޭނާ ވިދާޅުވިއެވެ.

ޒިނާން ވިދާޅުވީ މުޅި ދުވުމުގެ މަގުސަދަކީ ވެސް އެއީ ކަމަށެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައި މި ތިން ދުވުމުގައި ވެސް ހަމަ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ. އެގޮތުން، ދުވުންތަކުގައި ބައިވެރިވާން ހުޅުވާލުމުން ޓީއެފްޖީގެ ވެބްސައިޓަށް ޒިޔާރަތްކޮށް ނަން ނޯޓު ކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމައަށް ތާވަލު ކޮށްފައި އޮތް 'އެމްވީ ރަން' މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ވަނީ ނިންމައިފައެވެ.

ޓީއެފްޖީން ދެން އިންތިޒާމު ކުރާ 'ބޮޑު ފަހެއް' ދުވުން ތާވަލު ކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާއަށެވެ. 'ލޯންގް ރަން' ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ އަށެވެ.

comment ކޮމެންޓް