އަންބަރާ މައްސަލަ އަލުން ބަލައިދިނުމަށް އެދި މަޖިލީހަށް ސިޓީއެއް

ވ. އަންބާރާ --

ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ވ. އަންބަރާއަށް ލިބިފައިވާ ގެއްލުންތަކަށް އެ ރިސޯޓު ކުއްޔަށް ނަގާފައިވާ ފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމި ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ވ. އަތޮޅު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

އަންބަރާގެ ގުދުރަތީ ސިފަތައް ނައްތާލުމުގެ ގޮތުން އެ ރަށުގައި އޮންނަ ކަނޑޫފާ ކުޅިއަށް ފަސްއަޅައި ފޮރުވާފައިވާތީ އެ އަތޮޅު ކައުންސިލުން އެ މައްސަލަ އީޕީއޭއަށް ހުށަހެޅުމުން އެ އޭޖެންސީން ވަނީ އެ ރަށުގެ ވެރިފަރާތުން ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ނިންމައިފައެވެ.

އެހެންވެ، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ވ. އަތޮޅު ކައުންސިލުން މިއަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ރަށަށް ގެއްލުން ދީފައިވަނީ އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރާ ފަރާތުން ނޫންކަމަށް ސާބިތުވާ ކަމަށް އީޕީއޭއިން ނިންމި ނަމަވެސް އެ ރަށް ޕިކްނިކް ރަށެއްގެ ގޮތުގައި ބޭނުން ކުރީއިރު އެ ރަށުގައި އަޅާފައި ހުރި އިމާރާތެއް ތަޅާލާއި ނެގުމުގެ ތެރޭގައި ގުދުރަތީ ދިރުންތަކަށް ގެއްލުންވެފައިވާކަން ސާފުވާ ކަމަށެވެ.

އެ ކައުންސިލުން ވަނީ އަންބަރާ މައްސަލައިގައި އީޕީއޭއިން ނިންމި ނިންމުމަކީ ތިމާވެށީގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް އެކުލަވާލައިފައިވާ ނިންމުމެއް ނޫން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެގޮތުން، ވ. އަތޮޅު ކައުންސިލްގެ ސިޓީގައި ވަނީ ހަ ކަމެއް ފާހަގަކޮށްފައެވެ.

  • ވ. އަންބަރާ ކަނޑޫފާކުޅިއަށް ވެލި އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކުން ހުއްދަ ހޯދައިގެންތޯ؟
  • ކަނޑޫފާކުޅިއަށް ވެލި އެޅި ވެއްޓަށް ގެއްލުން ވަމުންދާކަން ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވޭތޯ؟
  • އެ ގެއްލުމުން ރައްކާތެރި ކުރުމަށް ނުވަތަ ގެއްލުން ކުޑަ ކުރުމަށް ކޮށްފައިވަނީ ކޮން މަސައްކަތެއްތޯ؟
  • އަންބަރާއަށް ގެއްލުން ލިބިފައިވާކަން އީޕީއޭއަށް އެނގޭއިރު އެ ގެއްލުމަށް އެ ކުންފުނިން ޒިންމާވާން ނުޖެހޭނެކަން ސާބިތު ކުރީ ކިހިނެއްތޯ؟
  • މި ކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ދައުލަތުގެ ޒިންމާއަކަށް ނުވޭތޯ؟
  • އަންބަރާއަށް ލިބުނު ގެއްލުމުގެ ބަދަލު ނުހޯދަން އީޕީއޭއިން ނިންމީ ކޮން އުސޫލަކުންތޯ؟

އެހެންވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބަލައިދިނުމަކީ އެ އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އަންބަރާގައި ރިސޯޓެއް ހެދުމާ އެ އަތޮޅު ކައުންސިލް ދެކޮޅެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން އެދި އެ ކައުންސިލުން ވަނީ 2021ވަނަ އަހަރުގެ ތެރޭގައި ރައީސް އޮފީހަށާއި ޓޫރިޒަމް މިނިސްޓްރީއަށާއި އީޕީއޭއަށް ސިޓީއެއް ފޮނުވައިފައެވެ.

comment ކޮމެންޓް