އެންމެ ފަހުން އަމިއްލަ ރަށަށް ދިޔައީ ކޮން ދުވަހަކު؟

ބޮޑު އީދައް މާލޭގައި ދިރިއުޅޭ މީހުން ރަށްރަށަށް ފުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ބަޔަކު ދިރިއުޅެއެވެ. ނަތީޖާއެއްގެ ގޮތުން ޗުއްޓީއެއް އަންނަ އިރަށް އެމީހެއްގެ ރަށަށް ދިޔުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް އާންމުކޮށް ރަށަށް ނުދެވޭ މީހުން ވެސް އުޅެއެވެ. އެ މީހުންގެ ތެރެއިން އެންމެ ފަހުން އަމިއްލަ ރަށަށް ދެވުނު ދުވަހެއް ހަނދާން ހުރީ ކިތައް މީހުން ހެއްޔެވެ؟

ރަށްރަށުގައި ދިރިއުޅުމަށް ފަހު، ގިނަ ސަބަބުތަކާހުރެ އެތައް ބަޔަކު މާލެ ބަދަލުވާން މިވަނީ ޖެހިފައެވެ. އޭގެ ތެރެއިން ގިނަ މީހުން މާލެ ސަރަހައްދުގައި ދިރިއުޅެން ފެށުމުން އަމިއްލަ އުފަން ރަށަށް ދެވެނީ މަދު ފަރެއްގައެވެ. އަދި ހާއްސަކޮށް މާލެއާ ދުރު ރަށެއްނަމަ ދެވޭލެއް މަދެވެ.

އެއް ބައި މީހުންނަށް އަހަރަކު އެއް ފަހަރު ރަށަށް ދެވޭއިރު އަނެއް ބަޔަކަށް ދެވެނީ އެއަށް ވުރެ ވެސް މަދުންނެވެ. އަދި ރަށަށް ދެވޭ މިންވަރު އަހަރަކަށް ފަހު އަހަރެއް މަދުވަމުންދާ ކަމަށް ބައެއް މީހުން ބުނެއެވެ.

"ކުރިން މާލެއަށް ބަދަލުވިއިރު ރަށަށް ދެވޭ މިންވަރަށް ވުރެ މަދު މިހާރު ރަށަށް ދެވޭ މިންވަރު. ދާން ބޭނުންވިޔަސް ގިނަ ފަހަރަށް ނުދެވޭ،" މީގެ ފަސް ވަރަކަށް އަހަރުން ކުރިން ރ. އަތޮޅުގެ ރަށަކުން މާލެއަށް ބަދަލުވި ޒުވާނެއް ކަމަށްވާ އަހްމަދު އިޔާދު ކިޔައިދިނެވެ.

އިޔާދު ކިޔައިދިން ގޮތުގައި މާލޭގައި ވެސް ކުރަން ޖެހޭ ކަންތައް ގިނަ ކަމުން ގިނަ ފަހަރު ޗުއްޓީ އެއް ލިބުނަސް އެހެން ތަނަކަށް ދިޔުމަށް ވަގުތެއް ނުލިބެއެވެ. ގިނަ ފަހަރަށް އެންމެ ދުރަށް ދެވެނީ މި އަތޮޅު ތެރޭ ރަށަކަށް ކަމަށް އޭނާ ބުންޏެވެ.

އަނެއް ބަޔަކު ކިޔައިދޭ ގޮތުގައި ޗުއްޓީއަށް އަމިއްލަ ރަށަށް ދެވޭ ވަރަށް ވުރެ އަގުބޮޑެވެ. އަދި ކޮންމެ އަހަރަކު ރަށަށް ދާން ބޭނުންވި ނަމަވެސް ގިނަ ފަހަރަށް ދެވޭ ގޮތް ނުވާ ކަމަށް ބައެއް މީހުން ބުނެއެވެ.

ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ 26 އަހަރުގެ ޒުވާނެއް ކަމަށްވާ ހިދާޔާ ޔޫސުފް ބުނެފައިވަނީ އޭނާ މާލެ ބަދަލުވި ފަހުން އަމިއްލަ ރަށަށް ގޮސްފައި ވަނީ އެންމެ ދެ ފަހަރެއްގައި ކަމަށެވެ.

"މިހާރު މާލެ ބަދަލުވި ތާ ވެއްޖެ ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރު. އެކަމު އަމިއްލަ ރަށަށް ދެވުނީ އެންމެ ދެ ފަހަރު ކަންނޭނގެ. އަސްލު ހަމަ ދެވޭ ވަރަށް ވުރެ އަގުބޮޑު ރަށަށް. ފްލައިޓެއް ނަގައިގެން ލޯންޗެއް ނަގައިގެން ރަށަށް ފޯރާ އިރު ވަރަށް ފައިސާ ހަރަދުވޭ،" ހިދާޔާ ކިޔައިދިނެވެ.

ހިދާޔާ ބުނިގޮތުގައި އެގޮތަށް ބޮޑު ހަރަދެއް ކޮށްގެން ރަށަށް ދިޔުމުގެ ބަދަލުގައި ގިނައިން މިހާރު ފައިސާ އެއްކުރަނީ ރާއްޖެއިން ބޭރަށް ދިޔުމަށެވެ. އޭނާ ބުނީ ފައިސާ އެއްކޮށްގެން މިހާރު ދެ ފަހަރަކު ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށާއި އެގޮތް މާ ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ކޮންމެއަކަސް އަމިއްލަ ރަށަށް ދާން ކިތަންމެ ބޭނުންވެފައި ތިބި ނަމަވެސް ގިނަ ފަހަރަށް އޮންނަނީ އަމިއްލަ ރަށަށް ދެވޭ ގޮތް ނުވެފައެވެ. މިގޮތަށް އެންމެ އާންމުކޮށް އަމިއްލަ ރަށަށް ދެވޭ އެއް ބަޔަކަށް ވާނީ މާލެ އަތޮޅަށް ނިސްބަތްވާ މީހުންނެވެ. މާލެ އަތޮޅު ގިނަ ބަޔަކު ކޮންމެ ހަފުތާ ބަންދެއްގައި އަމިއްލަ ރަށަށް ދެއެވެ.

comment ކޮމެންޓް