''ސްލެކް''ގައި ޗެޓްޖީޕީޓީ ބޭނުން ކުރެވޭގޮތް ހަދައިފި

ޓެކް އިންޑަސްޓްރީގައި ގިނަބަޔަކު ބޭނުންކުރާ ކޮމިއުނިކޭޝަން އެންޑް ކޮލަބަރޭޝަން ޓޫލްއެއް ކަމަށްވާ ސްލެކްއިން, ޗެޓްޖީޕީޓީ ހިމަނާފައިވާ އެޕްލިކޭޝަނެއް އުފައްދައިފިއެވެ.

ސްލެކް އަކީ ސްލެކް ޓެކްނޮލޮޖީސްއިން ފަރުމާކޮށްފައިވާ އަދި ސޭލްސްފޯސްގެ މިލްކުވެރިކަމުގައި ހިންގާ އިންސްޓެންޓް މެސެޖިން ޕްރޮގްރާމެކެވެ. ސްލެކް އުފެއްދީ ވަޒީފާތަކާ ގުޅުން ހުރި މުއާސަލާތަށް ޚާއްސަކޮށް ނަމަވެސް، އާންމު މުއާމަލާތްތަކަށް ބޭނުންކުރެވޭނެ ޕްލެޓްފޯމެއްގެ ގޮތުގައި ވެސް ސްލެކް ވަނީ ތައާރަފުކޮށްފައެވެ.

ސްލެކްގެ ޗެޓްޖީޕީޓީ އެޕް ފަރުމާކޮށްފައި ވަނީ މެސެޖުތައް ޑްރާފްޓްކޮށް، ސްލެކްގައި ދެކެވޭ ވާހަކަތަކާއި ތްރެޑްތައް ކުރުކޮށްލެވޭ ގޮތަށެވެ. މި އެޕްލިކޭޝަން އިންސްޓޯލްކުރުމާއެކު ތްރެޑްގެ މެނޫ ބަޓަނަށް ކްލިކްކޮށް "ސަމަރައިޒް ތްރެޑް" ނުވަތަ "ޑްރާފްޓް ރިޕްލައި" އޮޕްޝަން ޚިޔާރު ކުރެވޭނެއެވެ. އެއަށްފަހު ހަމައެކަނި ބޭނުންކުރާ މީހާއަށް ފެންނާނެ ސަމަރީއެއް ނުވަތަ ޖަވާބެއް މި އެޕްލިކޭޝަނުން އުފައްދައި، އެ މައުލޫމާތެއް އިޚްތިޔާރުކޮށްފިނަމަ ހިއްސާކުރުމުގެ ފުރުސަތު ލިބެއެވެ. ސްލެކްއިން ފާހަގަކުރާ ގޮތުގައި މި އެޕްލިކޭޝަނުން އޭއައި ބޭނުންކޮށްގެން ކޮންމެ ޕްރޮޖެކްޓެއް ނުވަތަ މައުޟޫއަކަށް، ޗެޓްބޮޓް ސްޓައިލްގެ ޖަވާބުތަކާއި މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ސްލެކްއިން ބުނީ ޗެޓްޖީޕީޓީ އިންޓަގްރޭޓް ކުރުމުގެ ސަބަބުން، އަމިއްލައަށް ވަކިން މައުލޫމާތު ހޯދުމުގައި ވަގުތު ހޭދަނުކޮށް، މުހިންމު މައުލޫމާތުތައް ފަސޭހައިން ލިބޭނެ ކަމަށެވެ. މިސާލަކަށް ބެސްޓް ޕްރެކްޓިސްތައް ބެލުމަށް ނުވަތަ އާ ކަސްޓަމަރަކު ދިރާސާ ކުރުމަށް މި އެޕްލިކޭޝަން ބޭނުން ކުރެވިދާނެއެވެ.

ޗެޓްޖީޕީޓީ އެޕްލިކޭޝަންއަށް ސްލެކްއިން ލިބޭ އެއްވެސް މައުލޫމާތެއް، އޯޕަންއޭއައިގެ ލެންގުއޭޖް މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ސްލެކްއިން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.

ސާޗް އިންޖީނާއި މައިކްރޮސޮފްޓް އިކޯސިސްޓަމްގެ އެކި ކަންކަމުގައި ޗެޓްޖީޕީޓީ ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި އިތުރު ކުންފުނިތަކުން އެ މީހުންގެ ޕްލެޓްފޯމްތަކުގައި އޭއައި ހިމަނަން ފެށުމުން، ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ހިމާޔަތްކޮށް، އެ ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކުރެވޭތޯ ބެލުމަކީ އެ ކުންފުނިތަކަށް ވަރަށް މުހިންމު ކަމަކަށް ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު