ފ. މަގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި ފެށެން އޮތް ރަމަޟާން މަހާ ދިމާކޮށް ރަށުގެ ރައްޔިތުންނަަށް ލިބުން އެންމެ ދަތިވާނެ އެއް ބާވަތަކަށް ކާށި ވާނެތީ، ހުރިހާ ރައްޔިތުންނަށް ކާށި ހަދިޔާކުރަން ނިންމައިފިއެވެ.
ގާތްގަނޑަކަށް 900 މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގެ، އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މި މަސައްކަތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ މިއީ އެ ކޮމިޓީން ރައްޔިތުންނަށް ކާށި ހަދިޔާކުރާ ތިންވަނަ އަހަރު ކަމަށެވެ.
ރަށު ރައްޔިތުންގެ ރުއް، ރަށުގައި ގިނަ ނަމަވެސް، ރަށުގެ އާދަކާދަ އޮންނަ ގޮތުން އެ ރުއްތަކުގައި އަޅައި، ހުރިހާ ކާށްޓެއް ވެސް ލިބެނީ ކައުންސިލަށެވެ. އެ ކާށި ހޮވުމުގެ މަސައްކަތްކުރަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީންނެވެ.
"އެ ހުރިހާ ކާއްޓެއް ކައުންސިލަށް ދީފައި އޮންނާނެ ކައުންސިލަށް، ޑަބްލިއުޑީސީއަށް [އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް] ދެން ޑަބްލިއުޑީސީން ދެ މަހުން އެއްފަހަރު ނުވަތަ ތިން މަހުން ފަހަރަކު ކަހަލަ ގޮތަކަށް ކާށި ހޮވާނެ. ދެން އެއަށް ޕޭކޮށްފައި[ފައިސާ ދައްކައިފައި] ހަތަރު ބައިކޮށްފައި އެއްބައި ދޭނީ. ދެން ކުދި ކާއްޓާއި ކުރޮޅިއާއި ބޮޑެތި ކާށީގެ ހަތަރު ބައިކުޅަ އެއްބައި ދޭނީ. ދެން ހުންނަ ކާށި ވިއްކާނީ ހަމަ ވަރަށް ހެޔޮ އަގުގައި،" އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ކާށި މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އިތުރަށް އަގު ހެޔޮކޮށް ވިއްކަމުން އަންނަކަމަށެވެ. އަދި ރަމަޟާން މަހާ ދިމާކޮށް އެ ރަށުގެ ރަޖިސްޓްރީގައި ހުރި ކޮންމެ މީހަކަށާއި، ކޮންމެ ގޭބީސީއަކަަށް ކާށި ހަދިޔާކުރާ ކަމަށެވެ.
އޭނާ ވަނީ އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތްކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ކޮމިޓީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެގޮތުން ކޮމިޓީއަށް ބޭނުންވާ ބަޖެޓު ހޯދައި، ފުދުންތެރި، ދެކޮޅު ޖެހޭ ގޮތަކަށް ކޮމިޓީގެ ކަންކަން ބަލަހައްޓަނީ، އެ ކޮމިޓީން އާމްދަނީ ހޯދަން ކުރާ މަސައްކަތުން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ ޒަމާނުއްސުރެ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެގެން މަސައްކަތްކުރާ ކޮމިޓީއެއް. ރަނގަޅު ބަޖެޓަކާއި ރަނގަޅު އާމްދަނީއެއް ވެސް ހޯދާ. ކައުންސިލުން މި ބޭފުޅުންނާއެކުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން މި ދަނީ،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޓީގެ މެމްބަރުން މަސައްކަތްކުރާ ޚާއްސަ ދަނޑެއް އޮންނަ ކަމަށެވެ. އެ ދަނޑުގައި ދޮންކޭލާއި، ފަޅޯ، ބަށި އަދި ކަރާގެ އިތުރުން ގިނަ ބާވަތްތަކެއް ހައްދައި މާކެޓަށް ނެރޭކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މާލޭގެ މާރުކޭޓުތަކަށް މި ނެރެނީ. ދެން އަދި އިޓަލީ ސަރުކާރުގެ ޔުނިވާސިޓީއަކަށް ބޭނުންވާ ގާތްގަނޑަކަށް 85 ޕަސެންޓު ތަރުކާރި ވެސް މި ފޯރުކޮށްދެނީ އަޅުގަނޑުމެންގެ ޑަބްލިއުޑީސީގެ ފަރާތުން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެގްރޯނެޓާ ގުޅިގެން އުފެއްދުންތައް މާކެޓުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ޓަކައި ކޮމިޓީގެ އަންހެން މެމްބަރުން އޮފީހަށް ރަސްމީ ގަޑީގައި ރަސްމީ މަސައްކަތަށް ނިކުންނަނީ ހަފްތާއަކު ދެ ދުވަހެވެ. ހަފްތާގެ އެހެން ދުވަސްތަކުގައި ރަސްމީ މަސައްކަތު ވަގުތު ހޭދަކުރަނީ ދަނޑުގައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އަބްދުﷲ ފާހަގަކުރެއްވިއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމަށް ޓަކައި މަގޫދޫ ކައުންސިލުން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތްތައް ޒީނަތްތެރިކޮށް ރާވަންޖެހޭ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.