މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތަށް ބޭނުންކުރާ ބަގީތައް ބަހައްޓަން ކަނޑައަޅާފައިވާ ސަރަހައްދަކީ އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދުކަމަށް ގަބޫލު ނުކުރެވޭކަމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ބަގީތައް ބަހައްޓާށާއި މަރާމާތުކުރަން ކައުންސިލުން ހަމަޖައްސާފައިވާ ސަރަހައްދަކީ ވިލިމާލޭގެ ބަނދަރުމައްޗެވެ.
މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް "ސަން"އާ ހިއްސާކުރައްވަމުން ނަހުލާ ވިދާޅުވީ، ބަނދަރުމައްޗަކީ ކޮންމެ ދުވަހަކު ވިލިމާލޭ ރައްޔިތުންގެ އިތުރުން ވިލިމާލެއަށް ޒިޔާރާތްކުރާ މީހުން ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދެއްގައި ބަގީތައް ޕާކުކޮށްފައި އޮތުމުން މަގުތައް ބޭނުންކުރާ އާންމުންނަށް އުނދަގޫވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ މާލޭގައި ވެސް ގަރާޖުތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރާ ވާހަކަ. އެހެންވީމަ ވިލިމާލޭގައި ވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތައް ބެހެއްޓުން ބުއްދިވެރިކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ނަހުލާ އިތުރަށް ވިދާޅުވީ ވިލިމާލޭގެ މޫނުމަތި ސިނާއީ ސަރަހައްދަކަށް ހެދުމުގެ ބަދަލުގައި ސިނާއީ މަސައްކަތަށް ބިން ދޫކޮށްފައިވާ ސަރަހައްދުގައި އެ މަސައްކަތް ކުރުން އެކަށީގެންވާ ކަމަށެވެ. ނުވަތަ ވިލިމާލޭ ރައްޔިތުންގެ ރުހުން ލިބޭ ސަރަހައްދެއްގައި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ބަގީގެ މެއިންޓެއިނަންސް މަސައްކަތް ކުރުމަކީ ވެސް ގޮތެއްކަމަށް ނަހުލާ ވިދާޅުވިއެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ދެކޮޅު ހަދަނީއެއް ނޫން. އެކަމަކު މިކަން އަޅުގަނޑަށާ ވިލިމާލެ ރައްޔިތުންނަށް ކަމުނުދަނީ. ވިލިމާލޭގަ ބަގީގެ ޚިދުމަތް ދިނުމަކީ ހަމަ ސަތޭކައިގެ ކަމެއް،" ނަހުލާ ވިދާޅުވިއެވެ.
ވިލިމާލޭގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ބަގީގެ ޚިދުމަތް ފަށާނެކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ވިދާޅުވެފައެވެ. ކައުންސިލުން ވަނީ ބަގީ ހިދުމަތް ފަށާއިރު، ފިތުރު އީދުުގެ ނިޔަލަށް ބަގީ ރޫޓުން ކުރާ ދަތުރުތައް ހިލޭކުރަން ނިންމާފައެވެ.