ޔުއެފާ ޗެމްޕިއަންސްލީގްގައި މިރޭ ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ނިކުންނަމެޗް ފަސޭހަ ނުވާނޭކަމަށް ޗެލްސީގެ ކޯޗް ގްރަހަމް ޕޮޓާ ބުނެފިއެވެ.
ޗެލްސީގެ އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖްގައި މިރޭ ކުޅޭ މެޗާއި ބެހޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ޑޯޓްމަންޑާ ދެކޮޅަށް ނިކުންނައިރު، އަމިއްލަ ދަނޑުގައި ކުޅުމެކޭ ރަށުން ބޭރުގައި ކުޅުމެކޭ ތަފާތެއް ނެތްކަމަށާއި، ޑޯޓްމަންޑަކީ ވަރުގަދަ ޓީމެއްކަމަށެވެ.
އެހެންކަމުން މިރޭގެ މެޗްގައި ޗެލްސީގެ ސަޕޯޓަރުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާކަމަށް ޕޮޓާ ވަނީ ފާހަގަކޮށްފައެވެ.
"މިރޭ އަހަރުމެން މަސައްކަތް ކުރާނީ މެޗް ފެށުމާއިއެކު އަވަހަށް ގޯލެއް ޖަހަން. އަހަރުމެން އެބަޖެހޭ މަދުވެގެން ދެ ގޯލް ޖަހަން. އެހެން ނޫނީ ސަލާމަތްވާކަށެއް ނެތް" ޗެލްސީގެ ކޯޗް ޕޮޓާ ބުންޏެވެ.
މިރޭ ޑޯޓްމަންޑް ކޮޅަށް އަވަހަށް ގޯލެއް ޖެހުމުގެ މުހިއްމުކަން ޕޮޓާ ފާހަގަކޮށްފައިވާއިރު، މި ފަހަކަށް އައިސް ޗެލްސީއަށް ގޯލް ނުޖެހުމުގެ މައްސަލަ ވަރަށް ބޮޑެވެ.
މިރޭ ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، ޑޯޓްމަންޑަށް އޮތް އެންމެބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ޓީމާއި ދުރުގައި ހުރި ގޯލްކީޕަރު ކޮބެލް އަދި ފޯވަޑް މަލެން ފިޓް ވުމެވެ. ޔުއެފާ ޗެމްޕިއަންސްލީގް ގަދަ 16 ގެ ފުރަތަމަ ލެގްގައި މި ދެޓީމުގެ ކުރިމަތިލުން 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޑޯޓްމަންޑެވެ.
ޗެމްޕިއަންސްލީގް ދެވަނަ ލެގްގައި ޗެލްސީ އާ ޑޯޓްމަންޑް ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ. މިމެޗް އެސްއެސްނެޓުގެ ޓެން 2 ޗެނަލުން ވަގުތުން ދައްކާނެއެވެ.