ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމަށް ދަތިވަނީ އެ މަގާމަށް އައްޔަންކުރާ މީހުންނަށް ކައުންސިލްތަކުގެ ރުހުން ނުލިބޭތީ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރުމުގައި ދިމާވެފައިވަ މައްސަލަތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާނެ މީހެއް ނެތް ރަށެއްގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ވަނީ އެލްޖީއޭ އަދި ސިވިލް ސާވިސް ކޮމިޝަނާ ބައްދަލުކޮށްފައެވެ.
ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި މީހަކު އައްޔަން ކުރާނީ ކައުންސިލުން ދޭ ލަފާގެ މަތީން ސިވިލް ސާވިސް ކޮމިޝަނުންނެވެ. ނަމަވެސް ކައުންސިލުން ލަފާ ދޭ ބޭފުޅަކު އެމަގާމަށް އައްޔަން ކުރުމަކީ ސިވިލް ސާވިސް ގާނޫނުގެ ދަށުން ލާޒިމް ކަމެއް ނޫނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ފަރާތުން ބުނީ ކައުންސިލުން ދޭ ލަފާގެ މަތިން މީހަކު އައްޔަން ކުރަން ބަޔާންކޮށްފައި ވީނަމަވެސް، ގިނަފަހަރު އެ މަގާމަށް އައްޔަން ކުރަނީ ސީދާ ކައުންސިލްގެ ރުހުން އޮންނަ މީހެއް ނޫން ކަމަށެވެ.
ކައުންސިލްތަކުން އެ ލަފާ ދެއްވާ ބޭފުޅަކު ނުއެއް ލެއްވޭ އެސްޖީއެއް ގޮތުގައި ކައުންސިލަކަށް. އެހެންވީމާ އައްޔަން ކުރެވޭ މުވައްޒަފު ގިނަފަހަރަށް އެއީ ކައުންސިލްގެ ރުހުން ނޯންނަ މުވައްޒަފަކަށް ވާތީވެ އެއީ މުވައްޒަފެއްގެ ގޮތުގައި ގަބޫލެއް ނުކުރައްވާ ވަރަށް ގިނަ ކައުންސިލްތަކުން. އެލްޖީއޭ
އެލްޖީއޭއިން ބުނީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކުރިން ދިމާވަމުން އައި މައްސަލައަށް ލިބުނު ހައްލެއް ހަގީގަތުގައި ނުފެންނަ ކަމަށެވެ. ކައުންސިލްގެ ޒިންމާ ދާރު ވެރިޔާގެ ކިބައިގައި ހުރުން މުހިންމު އަސާސީ ސިފަތަކެއް އެލްޖީއޭއިން ކަނޑައަޅާފައި ވީނަމަވެސް، އައްޔަން ކުރާ ބޭފުޅަކީ ކައުންސިލްގެ ރުހުން އޮންނަ ބޭފުޅަކަށް ވުން މުހިންމު ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ބުނީ، ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރުމުގައި އަމަލު ކުރަނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން ކަމަށާއި، މުވައްޒަފުން އައްޔަން ކުރަންވާނީ ފައިދާވާ އުސޫލުގެ ތެރެއިން ކަމަށާއި އެ މުވައްޒަފަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ އެބޭފުޅެއްގެ ތައުލީމީ ފެންވަރަށާއި ތަޖުރިބާއަށް ވެސް ރިއާޔަތްކުރާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިތުރަށް ބުނީ މި މައްސަލައަށް ހައްލެއް ގެނެވޭނީ ގާނޫނުގައި ވަކި ކަންތައްތަކެއް މިހާރަށް ވުރެ ސާފުކޮށް ބަޔާންކުރެވިގެން ކަމަށެވެ. އެގޮތުން ކައުންސިލުން ކޮމިޝަނަށް ދޭ ލަފަޔަކީ ރުހުންތޯ ނޫންތޯ ސާފުވާން ޖެހޭ ކަމަށެވެ.
ގާނޫނުތަކުގައި ރުހުމާއި ލަފަޔާ މާނަ ކުރެވޭ ގޮތް ތަފާތުކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ ކައުންސިލްތަކުން ލަފާދިން ކަމުގައި ވީނަމަވެސް، އެއާ އެއްގޮތަށް އަމަލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.