އޮސްޓްރޭލިއާގެ ކުންފުންޏަކުން ދައުލަތަށް ލިބެންޖެހޭ ފަސް ލައްކައަށް ވުރެ ގިނަ ޑޮލަރު ހޯދަން އަންގައިފި

އޭސީސީގެ ރައީސް އާދަމް ޝާމިލް --- ސަން ފައިލް ފޮޓޯ

ހުޅުމާލޭގައި 690 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން އެމްޓީސީސީގެ 99.9 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކުން މީގެ 16 އަހަރު ކުރިން އޮސްޓްރޭލިއާގެ ކުންފުންޏަކަށް ދިން 550,000 އެމެރިކާ ޑޮލަރު އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފިއެވެ.

އެމްޓީސީސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމްއާރުއީއައިސީ) އިން އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ)އަށް އެ ފައިސާ ދިނީ 2007 ވަނަ އަހަރުއެވެ.

އެމްއާރުއީއައިސީން އެ ކުންފުންޏަށް އެ ފައިސާ ދިނީ ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އަނބުރާ ދޭގޮތަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަނުން ބުނީ 550,000 ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ ހޯދުމަށްފަހު އައިއެފްސީއޭއިން އެމްއާރުއީއައިސީއަށް އަނބުރާ ހަވާލުކުރަންޖެހޭ ފައިސާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ. އަދި އައިއެފްސީއޭއިން މިއަދާ ހަމައަށް ވެސް އެ ފައިސާ އަނބުރާ ދީފައިނުވާތީ، އެ މައްސަލައިގައި ހިމެނޭ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެހެންކަމުން އެ ފައިސާ ހޯދުމަށް އެމްޓީސީސީ އާއި އެމްއާރުއީއައިސީއަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އަންގާފައެވެ.

comment ކޮމެންޓް