މާލޭގެ 10 ތަނަކުން ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ 10 ތަނެއް ބަލައިފާސްކޮށް، 4.097 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ--- ފޮޓޯ/ ސީޕީ ހަމީދު

މިދިޔަ ހޮނިހިރު ދުވަހު، ހިންގި ޚާއްސަ އޮޕަރޭޝަނެެއްގައި މާލޭގެ 10 ތަނެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތަކާ ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ 10 ތަނެއް ބަލައިފާސްކޮށް، 4.097 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދިވެހި، ފަސް ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ޑްރަގްގެ ބޮޑެތި ނެޓްވޯކްތައް ހިންގާ މީހުންނާ އަރާހަމަކުރަން ފަހަތަށް ޖެހިވަޑައިވަޑައިނުގަންނަވާނެ ކަމަށާއި އެފަދަ ނެޓްވޯކްތައް ހިންގާ މީހުން ފެޔަށް ޖެހުމަށް އަންގަވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ވަނީ އެފަދަ ވިޔަފާރިތައް ކުރާ މީހުންނަށް އިންޒާރެއް ވެސް ދެއްވާފައެވެ.

އެގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ޑްރަގްގެ ބޮޑެތި ނެޓްވޯކްތައް ހިންގުމުގައި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ކަމަށެވެ.

މީގެ ކުރިން ވެސް މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެއްވެސް މީހަކާ އަރާ ހަމަކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

comment ކޮމެންޓް