ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް --- ސަން ފޮޓޯ

ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ހައި ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި ފަނޑިޔާރުން ރިޓަޔާ ކުރެއްވުމުންނެވެ.

ޖޭއެސްސީން ބުނީ އެ ދެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވޭނީ މިހާރު ވެސް އެ ދެ ކޯޓުގެ ފަނޑިޔާރުންނަށް ކަމަށެވެ. އަދި އެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހު ބަންދުވާނެ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ހައި ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އަދި މިހާރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވަނީ, އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސް ގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ. އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޒީ އަހުމަދު ނިމާލް ޖުނައިދުއާއެވެ.

ހައި ކޯޓާއި ސިވިލް ކޯޓަށް އިސް ގާޒީން ހޯދަން އިއުލާނުކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ވަނީ ހައި ކޯޓަށް އައްޔަނު ކުރުމަށް ނިންމާފައެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލެއްވުމަށް ވެސް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.

comment ކޮމެންޓް