މައިކްރޮސޮފްޓްއިން ޓެސްޓުކުރާ ފީޗާތައް ދައްކަން އާ 'ކެނެރީ ޗެނަލް'

މައިކްރޮސޮފްޓްއިން މިހާރު ވިންޑޯސް އިންސައިޑާއަށް އާ ކެނެރީ ޗެނަލެއްގެ ޚިދުމަތް ދެމުން އަންނައިރު، ވިންޑޯޒްގެ ބޮޑެތި އާ ފީޗާތައް އެ ޗެނެލުން ޓެސްޓު ކުރެވޭނެއެވެ. މިއީ ދާދި ފަހުން އިންޓެލް އާއި މައިކްރޮސޮފްޓުން ވެސް އިޝާރާތްކޮށްފައިވާ ވިންޑޯޒް 12 އަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އާ ކެނެރީ ޗެނަލް ފަރުމާކޮށްފައި ވަނީ މައިކްރޮސޮފްޓްގެ ލެބްތަކުގައި މިހާރު ހަދާފައިވާ ވިންޑޯޒްގެ ވާޝަންތައް ޕްރިވިއު ކުރެވޭ ގޮތަށް ކަމަށާއި މިހާރު ބޭނުންކުރާ ޑެވް ޗެނަލަށް ވުރެ ގިނަ ފުރުސަތުތައް އާ ޗެނަލުން ލިބެން ހުންނާނެކަމަށް މައިކްރޯސޮފްޓް ކުންފުނިން ބުނެއެވެ.

މައިކްރޮސޮފްޓްގެ ވިންޑޯޒް އިންސައިޑާ ޕްރޮގްރާމްގައި އިސްކޮށް ހުންނަ އަމަންޑާ ލަންގޯސްކީ ބުނި ގޮތުގައި އާ ކެނެރީ ޗެނަލަކީ ވިންޑޯސްއަށް އަންނަ ބަދަލުތައް ކަސްޓަމަރުންނަށް ދޫކޮށްލުމުގެ ކުރިން އެ ބަދަލުތައް ދައްކާނެ ތަނެއް ކަމަށެވެ.

ކެނެރީ ޗެނަލް ތައާރަފު ކުރުމުން، މިހާރު ހުރި ޑެވް ޗެނަލް ޓެސްޓަރުން އޮޓަމެޓިކުން ކެނެރީ ޗެނަލަށް ހިޖުރަކޮށް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ނެރެފައިވާ 25000 ސީރީޒްގެ ބިލްޑްތަކުގެ އަޕްޑޭޓްތައް އެ ޑިވެލޮޕަރުންނަށް ލިބެމުން ދާނެއެވެ. ވިންޑޯޒްއަށް މުސްތަގުބަލުގައި އަންނަ ބަދަލުތައް ޕްރިވިއު ކުރުމަށް މައިކްރޮސޮފްޓުން ބޭނުންކުރާނެ ހަތަރު އިންސައިޑާ ޓެސްޓިން ރިންގް މިހާރު އެބަހުއްޓެވެ. އެއީ ކެނެރީ ޗެނަލް، ޑެވް ޗެނަލް، ބީޓާ ޗެނަލް އަދި ރިލީޒް ޕްރިވިއު ޗެނަލް އެވެ.

"ކެނެރީ ޗެނަލްގައި އަޅުގަނޑުމެން ޓްރައި ކުރާ ބައެއް ބަދަލުތައް ދުވަހަކުވެސް ތައާރަފުނުކޮށްފާނެ، އަނެއް ބައި ބަދަލުތައް މުސްތަގުބަލުގައި ވިންޑޯޒް ރިލީޒްތަކުގައި ފެންނާނެ،" ލަންގޯސްކީ ބުންޏެވެ.

ބޮޑެތި ބަދަލުތައް ގެނެސްފައިވާ ވިންޑޯސްގެ ވާޝަންތައް ނެރޭނީ ކޮންމެ ތިން އަހަރަކު ކަމަށް މައިކްރޮސޮފްޓްއިން ވަނީ މިދިޔަ އަހަރު ނިންމާފައެވެ. އެހެންކަމުން އެފަދަ ވިންޑޯޒް ވާޝަންއެއް ދެން ނެރޭނީ އަންނަ އަހަރުގައެވެ.

އިންޓެލް އާއި މައިކްރޮސޮފްޓުން ވެސް މިހާރު އަންނަނީ ވިންޑޯޒް 12އަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންޓެލް އިން ވިންޑޯޒް 12ގެ ވާހަކަތައް އިންޓާނަލްކޮށް ދައްކަމުން ދަނީ، 2024 ވަނަ އަހަރު ލޯންޗް ކުރާނެ ކަމަށް ބެލެވޭ ނެކްސްޓް ޖެނެރޭޝަން ސީޕީޔޫތަކަށެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް 12 ރަސްމީކޮށް ނެރޭނެކަން އިއުލާން ނުކުރިޔަސް، މައިކްރޮސޮފްޓާއި އިންޓެލް އިން ވެސް ދަނީ ވިންޑޯޒްގެ އާ ވާޝަނެއް ނެރެން އުޅޭ ކަމުގެ އިޝާރާތްތައް ދެމުންނެވެ. ވިންޑޯޒް 12 ގައި ހިމަނާނެ ފީޗާތަކެއް ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް، މައިކްރޮސޮފްޓުން ވަނީ ވިންޑޯޒްގެ ކުރިއަށް އޮތް ވާޝަންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް އިސްކަން ދޭނެ ކަމަށް އިޝާރާތްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު