ބޮޑުފޮޅުދޫ ބަލިކޮށް ޒޯނު ތިނެއްގެ ޗެމްޕިއަންކަން ގާފަރަށް

ގާފަރުން ޒޯނު 3 ގެ ތަށިި އުފުލާލަނީ --- ފޮޓޯ/ ސިޑިބަރި

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި އއ. ބޮޑުފޮޅަދޫ ބަލިކޮށް ޒޯނު ތިނެއްގެ ޗެމްޕިއަންކަން ކ. ގާފަރު ހޯދައިފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ ޒޯނުގެ ފައިނަލް މެޗުގައި ގާފަރުން ބޮޑުފޮޅުދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ގާފަރުގެ ހަމައެކަނި ގޯލު ޖެހީ ސާމިން މުހައްމަދު ނަސީރެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އަލީ މާއިސްއެވެ. އަދި އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މާއިސްއެވެ. އަދި ޒޯނު ތިނެއްގެ ޓޮޕް ސްކޯރާއަކީ ނާއިހު މުފީދެވެ.

އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ތިނެއްގައި ހިމެނެނީ ކ. އަތޮޅުގެ ޗެމްޕިއަން ދިއްފުއްޓާއި، އެ އަތޮޅުގެ ރަނަރަޕް ގާފަރާއި، ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫގެ އިތުރުން އއ. އަތޮޅުގެ ޗެމްޕިއަން ބޮޑުފޮޅަދޫއެވެ.

އެ މުބާރާތުގެ ޒޯނު ފައިނަލްގައި ކުޅޭ ދެ ޓީމު މުބާރާތުގެ ގަދަ 16އަށް ދަތުރުކުރާނެއެވެ. އެހެންކަމުން ޒޯނު ތިނެއްގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ގާފަރު އަދި ރަނަރަޕް ޓީމުގެ ގޮތުގައި ބޮޑުފޮޅުދޫ ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް