ތުހުމަތުތަކަށް ފަހު ބަލެންސިއާގާ ފުރަތަމަ ޝޯ ބާއްވައިފި

ބަލެންސިއާގާގެ ފެޝަން ޝޯގެ ތެރެއިން --

މަޝްހޫރު ލަގްޒަރީ ފެޝަން ބްރޭންޑު "ބަލެންސިއާގާ" ފާއިތުވި އަހަރު ތެރޭގައި އެކި މައްސަލަތަކުގައި ހޫނު ފެނަށް ވެއްޓި، މީހުންގެ ފާޑު ކިޔުން ރައްދުވުމަށްފަހު ފުރަތަމަ ފަހަރަށް ރަންވޭ ޝޯއެއް ބާއްވައިފިއެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް ބަލެންސިއާގާ އަކީ ދުނިޔޭގެ ފެޝަންގެ އެންމެ ބޮޑެތި ޓްރެންޑުތައް އުފެއްދުމަށް މަގުފަހިކޮށްދީފައިވާ އެއް ބްރޭންޑެވެ. ދުނިޔޭގެ އެންމެ ބޮޑެތި ތަރިން ޕްރޮމޯޓުކޮށްގެން ބަލެންސިއާގާ ދިޔައީ ކޮންމެ ފަހަރަކު ފެޝަނަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ރަންވޭތަކުގައި ދައްކާލާ ޕްރޮޑަކްޓުތަކަކީ ވެސް އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާ އެއްޗެއްސެވެ. ނަމަވެސް އެ ހުރިހާ ބާރެއް ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައިހެން ކެނޑިގެން ގޮސްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބަލެންސިއާގާ ވަނީ ބަރިބަރިއަށް އެކި ކަހަލަ މައްސަލަތަކުގައި ހޫނު ފެނަށް ވެއްޓިފައެވެ. އެންމެ ފުރަތަމަ މައްސަލަ ފެށުނީ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާއެކު އޮތް އެއްބަސްވުން ބާތިލުކުރުމަށް ގިނަ ދުވަސްތަކެއް ވުމުންނެވެ. އެގޮތުން ބަލެންސިއާގާގެ އިވެންޓުތަކުގައި ވެސް ކާންޔޭ ވަނީ އެތައް ބައެއްގެ އިހުސާސްތަކަށް އަޅައި ނުލައި ގެއްލުން ވާ ފަދަ އަމަލުތައް ކޮށްފައެވެ. ނަމަވެސް ބަލެންސިއާގާއިން މިކަމަށް ދިނީ ބީރު ކަންފަތެކެވެ.

އެއަށްފަހު ވެސް އެކި މައްސަލަތައް ކުރިމަތިވެފައި ވާއިރު އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން އެ ކުންފުނިން ވާހަކަ ދައްކާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ކުންފުނީގެ ޝޯތަކާއި ޕްރޮމޯޝަންތައް މަޑު ޖައްސާލީއެވެ.

އެތައް މަހަކަަށް ފަހު އެންމެ ފަހުން ބަލެންސިއާގާ އާންމުންގެ ކުރިމައްޗަށް ނިކުމެއްޖެއެވެ. ތުހުމަތުތަކަށްފަހު ފުރަތަމަ ރަންވޭ ޝޯއެއް ބާއްވާފައިވަނީ ޕެރިސް ގައެވެ. މި އިވެންޓުގައި ކުންފުނީގެ އާ ޕްރޮޑަކްޓުތައް ވަނީ ދައްކާލާފައެވެ.

ބަލެންސިއާގާ އިން ބުނެފައިވަނީ އެކުންފުނީގެ ޒަމާނީ އުފެއްދުންތައް ތައްޔާރުކުރުމުގައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރުމަށް އަޒުމު އަދިވެސް އެބައޮތް ކަމަށެވެ. ނަމަވެސް އިތުރު ވާހަކައެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް