ޝަކީލް ހައި ކޯޓަށް އައްޔަނު ކުރަން ނިންމި މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް: ހައި ކޯޓަށް އޭނާ އައްޔަނު ކުރުމަށް ވަނީ ނިންމާފައި --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައިކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމާ ގުޅިގެން އިދިކޮޅުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ކޮމެޓީއަށް ހުށަހެޅި މައްސަލައިގައި ވަނީ, ރައީސް ޔާމީނަށް ހުކުމް ކުރެއްވި ދެ ގާޒީންނަށް ވެސް މަގާމުގެ ކުރިއެރުން ދެއްވައި މަތީ ކޯޓުތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެކަމުގެ އަޑީގައި އޮތީ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ޖޭއެސްސީކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ވިދާޅުވީ, އެކަމުގެ ސަބަބުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރުދެމުންދާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ޝަކީލް ހައި ކޯޓަށް އައްޔަނުކުރުމަށް އެ ކޯޓުން ރައީސް ޔާމީނަށް އިންސާފުލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށް އާދަމް ޝަރީފް ގަބޫލުކުރައްވައެވެ. އަދި އެ ކަމަކީ ސަރުކާރުން ނުފޫޒު ފޯރުވައި ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެއް ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެ ކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލުމުގެ ފުރުސަތު އޮތްކަމަށް ދެކޭތީ ޖުޑީޝަރީ ކޮމެޓީން މައްސަލަ ބަލައި ދިނިމަށް އާދަމް ޝަރީފް ވަނީ އެދިފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ޝަކީލް, ހައި ކޯޓަށް އައްޔަނު ކުރުމަށް ނިންމާފައިވާއިރު މީގެކުރިން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ރަޝީދު ހުސައިން, ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައެވެ.

comment ކޮމެންޓް