ބަންގްލަދޭޝްގައި ރޮހިންގާ ދަރިކޮޅުގެ ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއްގައި ރޯވެ، 12،000 މީހުން މަގުމަތިވެއްޖެއެވެ.
ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައިވާ ގޮތުން އެ އަލިފާންގަނޑު ރޯވީ އިއްޔެ 14:45ހާއިރެވެ. އަދި ކޭމްޕުގައި ހުރި ފޭލިގޭތަކުގައި ކައްކަން ގޭސް ފުޅި ފަދަަ ތަކެތި ބަހައްޓާފައި ހުރުމުން، އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ބޮޑު ސަރަހައްދަކަށް ފެތުރިފައެވެ.
އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ތިން ގަޑިއިރުން ކަމަށާއި އެ ހާދިސާގައި 2،000އަށް ވުރެ ގިނަ ފޭލިގެ އަނދައި، 35 މިސްކިތާއި 21 ތައުލީމީ މަރުކަޒުވެސް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވިއެވެ.
އެ ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައި ނުވެއެވެ.
ބަންގްލަދޭޝްގެ ފުލުހުން ދަނީ، އެ ކޭމްޕުގައި ރޯކޮށްފައި ވަނީ ގަސްތުގައިތޯ ބެލުމަށް ތަހުގީގެއް ހިންގަމުންނެވެ. އަދި އެ ހާދިސާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ އެއް މިލިއަނަށް ވުރެ ގިނަ ރޮހިންގާ ރެފިއުޖީން، އެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަ 32 ކޭމްޕުގައި ދިރިއުޅެއެވެ.
އެ މީހުންނަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ރެފިއުޖީ އިންޓަނޭޝަނަލްއިން ބުނި ގޮތުގައި، ރޮހިންގާ ރައްޔިތުން ދިރިއުޅޭ ގިނަ ކޭމްޕްތަކުގައި މިހާރު ވެސް ވަނީ ތޮއްޖެހިފައެވެ. އެހެންކަމުން އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ދިރިއުޅޭނެ ތަނެއް އަލުން ހޯދަން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ބަންގްލަދޭޝްގެ ޑިފެންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ފާއިތުވި ދެ އަހަރު ރޮހިންގާ ކޭމްޕުތަކުގައި އަލިފާނުގެ 222 ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ތެރެއިން 60 ހާދިސާއެއް ހިނގާފައި ވަނީ ބަޔަކު ގަސްތުގައި ރޯކުރުމުން ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.
ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެ ގައުމުގެ އާބާދީގެ ބޮޑުބައެއް ކަމަށްވާ ބުދިސްޓުން ދެކޭ ގޮތުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަކީ އެގައުމަށް އަރާ ތިބި ބަންގުލަދޭޝްގެ ބަޔެކެވެ. އަދި މިޔަންމާގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ނިގުޅައިގަނެފައެވެ.