އެޓޮމިކް ހަކަތައާބެހޭ އދ.ގެ އިދާރާއަށް އެމެރިކާއާއި އިސްރާއީލުގެ ނުފޫޒު ވަދޭ: އީރާން

ގްރޮއްސީ އީރާނުގެ ނިއުކްލިޔާ އިދާރާގެ ވެރިޔާ މުހައްމަދު އިސްލާމީ އާ ބައްދަލުކުރައްވަނީ

ތެހެރާން (5 މާޗް 2023): އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާ (އައިއޭއީއޭ)އަކީ ފަންނީ އިދާރާއެއްކަމަށް ވިޔަސް އެއިދާރާއިން އީރާނާ ކުރާ މުއާމަލާތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ އެއިދާރާގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސީ މިކަމަށް އެދިވަޑައިގެންފައިވަނީ، އީރާނަށް މިހާރު ވަޑައިގެން އުޅުއްވާ އެއިދާރާގެ ވެރިޔާ އަދި ޑައިރެކްޓަރު ޖެނެރަލް ރަފަޔަލް ގްރޮއްސީ އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސީ ވިދާޅުވިގޮތުގައި އެމެރިކާއާއި އިސްރާއީލު ގެންދަނީ "އައިއޭއީއޭ"އިން އީރާނާ ކުރާ މުއާމަލާތްތަކުގެ ތެރެއަށް ސިޔާސީގޮތުން ވަދެ އެއިދާރާ މެދުވެރިކޮށް އީރާނަށް ފިއްތުންތައް ކުރިމަތިކުރަން މަސައްކަތް ކުރަމުންނެވެ. އަދި "އައިއޭއީއޭ"ގެ ފަންނީ މަސައްކަތްތައް ސިޔާސީ ކުރަމުންނެވެ.

މިކަން މިގޮތަށް ކުރާނަމަ އީރާނަށް "އައިއޭއީއޭ"ގެ އިތުބާރު ގެއްލިގެން ހިނގައިދާނެކަމަށް ރައީސީ ވިދާޅުވިއެވެ. ނަމަވެސް "އައިއޭއީއޭ"ގެ މަސައްކަތްތަކަށް އީރާނުގެ ދުޝްމަނުންގެ ނުފޫޒު ނުފޯރާނަމަ އީރާނުންވެސް ހެޔޮ ނިޔަތުގައި އެއިދާރާއަށް އެއްބާރުލުންދޭނެކަމަށް ރައީސީ ވިދާޅުވިއެވެ.

ގްރޮއްސީ އީރާނަށް ވަޑައިގެން އުޅުއްވަނީ އީރާނުގެ ނިއުކްލިޔާ މުއާމަލާތްތައް ބަލައި ޗެކްކުރުމުގައި "އައިއޭއީއޭ" އާއި އީރާނާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމާބެހޭގޮތުން އީރާނުގެ ކަމާބެހޭ މަސްއޫލުވެރިންނާ މަޝްވަރާ ކުރުމަށެވެ.

ރައީސީ ގްރޮއްސީ އާ ބައްދަލުކުރައްވަނީ

"އައިއޭއީއޭ" އާއި އީރާނާ ދެމެދު ހައްލުނުވެ އޮތް މައިގަނޑު އެއް މައްސަލައަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ޕާޓިކަލްތަކެއް އީރާނުގެ ނިއުކްލިއާ ލެބޯޓްރީއަކުން ފެނިފައިވާ މައްސަލައެވެ. އަނެއް މައްސަލައަކީ އީރާނުގެ ބައެއް ނިއުކްލިޔާ ލެބޯޓްރީތަކާއި ރިއެކްޓަރުތަކުގައި "އައިއޭއީއޭ"އިން ހަރުކޮށްފައިވާ ކެމެރާތައް ނަގާފައިވާއިރު އެތަކެތި އަލުން ހަރުކުރުމުގެ ފުރުސަތު ދިނުމަށް އީރާން ފަސްޖެހޭ މައްސަލައެވެ.

މިދެ މައްސަލައަކީވެސް ހައްލުނުވެ ދިގުލާފައިވާ ދެ މައްސަލައެވެ. އީރާން ބުނާގޮތުން އެގައުމުގެ ލެބޯޓްރީއަކުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ޕާޓިކަލްތަކެއް ފެނުމަކީ އެކަށީގެންވާކަމެކެވެ. އެއީ އީރާނުން މިހާރު ފައްކާކުރާ ވަރަށް ޔޫރޭނިޔަމް ފައްކާކުރާއިރު ނިއުކްލިޔާ ސެންޓްރި ފިއުޖް މެޝިންތަކުގައި މަދުއެތިކޮޅުތަކެއް މަތީފެންވަރަށް ފައްކާވެފައިވުމަކީ ޓެކްނިކަލް ގޮތުން އެކަށީގެންވާ ކަމަކަށްވާތީއެވެ.

އޭގެމާނައަކީ ސިއްރިޔާތުގައި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާވަރަށް ޔޫރޭނިޔަމް ފައްކާކުރުން ނޫންކަމަށް އީރާނުގެ ސައެންޓިސްޓުންނާ ހަވާލާދީ އެގައުމުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ނަމަވެސް "އައިއޭއީއޭ" އިން މިކަން ގަބޫލެއް ނުކުރެއެވެ.

އީރާނުގެ ރިއެކްޓަރުތަކުގައި "އައިއޭއީއޭ" ކެމެރާތައް އަލުން ހަރުކުރަން އީރާނުން ހުއްދަ ނުދެނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތިބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވެ އެއެއްބަސްވުމާ ޚިލާފަށް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީއެވެ. ކެމެރާތައް އަލުން ހަރުކުރެވޭނީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި އައިސް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށް އީރާން ބުނެއެވެ.

އީރާނަށް ކުރައްވާ ދަތުރުފުޅާބެހޭގޮތުން ވާހަކަދައްކަވަމުން ގްރޮއްސީ ވަނީ މިއީ ވަރަށް ފައިދާހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް އީރާނުގެ މަސްއޫލުވެރިންނާއެކު ކުރެވުނު އެއްބަސްވުމެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް އެއްވެސް މައްސަލައެއް ހައްލުވިކަން ގްރޮއްސީ ހާމަކުރައްވާފައެއް ނުވެއެވެ.

ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އީރާންވެސްވަނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރަން ފަށާފައެވެ. މީގެތެރޭގައި ޔޫރޭނިޔަމް ފައްކާކުރާ މިންވަރު ތިން އިންސައްތައިން 60 އިންސައްތައަށް މަތިކުރުން ހިމެނެއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓެގަންއިން މިދިޔަ ހަފުތާގައިވަނީ 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިއުކްލިއާ ބޮމެއް ތައްޔާރުކުރުމުގެ ގާބިލުކަން މިހާރު އީރާނުން ހޯދާފައިވާ ކަމަށް ބުނެ އަޑުތަކެއް ފަތުރާފައެވެ. އެމެރިކާއަކީ އިރާގުގައިވެސް ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ބޮޑެތި ދޮގުތަކެއް ހަދައި ބައިނަލްއަގްވާމީ މުޖްތަމައަށް އޮޅުވާލުމުގެ ބޮޑެތި ރެކޯޑުތަކެއް އޮތް ގައުމެކެވެ. އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ ހަރަކާތްތަކާބެހޭގޮތުން މިހާތަނަށް އެމެރިކާ ކޮށްފައިވާ އެއްވެސް ތުހުމަތެއް އަދި ދައްކާފައިވާ އެއްވެސް ވާހަކައެއް ހަގީގަތަކަށް ވެފައެއްނުވެއެވެ.

އެހެންކަމުން އީރާންފަދަ އެމެރިކާގެ ދުޝްމަނުންނާމެދު އެމެރިކާ ދައްކާ މިފަދަ ވާހަކަތަކުގެ އިތުބާރެއް މިހާރަކު ނޯވެއެވެ. އެމެރިކާގެ ވާހަކަތަކާމެދު ބެލެވެނީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައެވެ. އީރާނުންވަނީ އެމެރިކާގެ މިވާހަކަތަކަކީވެސް އެގައުމުން ހަދާ ސިލްސިލާ ދޮގުތަކުގެ ތެރެއިން ދޮގެއްކަމަށް ސިފަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް