ޑރ. މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

ޑރ. މުހައްމަދު މުނައްވަރު --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ.

ކުރިން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. މުނައްވަރު މިއަދު "ސަން" އަށް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، އޭނާގެ ކެމްޕޭން އޮފީސް ވެސް މިއަދު ހުޅުވާފައިވާ ކަމަށެވެ.

މިގޮތުން، ރިޔާސީ ރޭހަށް ނުކުންނަން ނިންމެވީ ގައުމު ނެތިދާ ކަމުގެ އިހުސާސް ވެގެން ކަމަށާއި އެއީ ހަމައެކަނި އޭނާއަށް ކުރެއްވޭ އިހުސާސެއް ނޫން ކަމަށް ވެސް ޑރ. މުނައްވަރު ވިދާޅުވިއެވެ. މުޅިން ވެސް ހުރީ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށާއި އެހެންވެ، މި އަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނާ ވާހަކަދައްކާފައި އެއްބަސްވީ. ގައުމު ނެތި ދަނިއްޔޭ. މިނިވަންކަމާ މެދު ސުވާލު އުފެދިއްޖެ. މުޅިން ހަމަނުޖެހުން. ހަމައެއް ލަމައެއް ނެތުނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކަށް ލިބޭނެ މަންފާއަށް ބަލާ ކޯލިޝަންތައް ހަދަމުން ގެންދާއިރު ދިވެހި ރައްޔިތުންނަށް ލިބޭ މަންފާއެއް ނެތް ކަމަށެވެ. އެހެންވެ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުނައްވަރުގެ ކެމްޕޭން އޮފީސް--

"އަޅުގަނޑުމެން މި ނުކުތީ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނާ އެކު ކޯލިޝަނެއް ހަދަން. ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލައިގެން ގައުމު ހަމައަކަށް އަޅުވަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ އޭނާގެ ސިޔާސަތުތަކާއި މަގުސަދު ރައްޔިތުންނަށް ބުނެދީ، ތާއީދު ހޯދުމުގެ މަސައްކަތް އިންތިޚާބާ ދޭތެރޭ މިއޮތް މުއްދަތުގައި ކުރަމުން ގެންދާނެ ކަމަށެވެ.

އޭނާގެ ކެމްޕޭން ލޯގޯއެއްގެ ގޮތުގައި ބޭނުން ކުރަނީ އައްޑު އަތޮޅަށް ހާއްސަ 'ދޮންދީނި'އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރިން ކުރެއްވި މުނައްވަރު 2008ވަނަ އަހަރު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި ވަނީ ސިޔާސީ ކަންކަމާ ވަރަށް ބޮޑަށް ފެޔަށް ޖެހިފައެވެ. ޕާޓީގެ މަސައްކަތްތަކުން ވެސް ދުރުވެ، ސިޔާސީ ކަންކަމާ މުޅިންހެން ދުރަށް ޖެހިވަޑައިގަތެވެ.

ސިޔާސީ ކަންކަމާ ވަރަށް ބޮޑަށް ދުރުގައި ހުންނެވުމަށް ފަހުގައި މި ފަހުން އަނެއްކާ ވެސް މުނައްވަރު ގެންދަވަނީ ކޮންމެ ވެސް ވަރަކަށް ސިޔާސީ ކަންކަމުގައި އުޅުއްވަމުންނެވެ. މިގޮތުން، މިދިޔަ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ވެސް އޭނާ އުޅުއްވިއެވެ.

comment ކޮމެންޓް