ބިންހެލުމާ ގުޅިގެން ތުރުކީއަށް ފޮނުވުމަށް ނިންމި މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ފޮނުވައިފި

ތުރުކީއަށް މަސްދަޅު ޝިޕްމަންޓް ފޮނުވުމުގެ ތެރެއިން-- ފޮޓޯ/ ދިވެހި ހާރިޖިއްޔާ

ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ރާއްޖެއިން ފޮނުވުމަށް ނިންމި އެއް މިލިއަން މަސް ދަޅުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ތުރުކީއަށް ފޮނުވައިފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ބުނީ، ތުރުކީގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ފޮނުވުމަށް ނިންމި އެއް މިލިއަން މަސްދަޅުގެ ތެރެއިން ފަސް ލައްކަ މަސްދަޅު ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

ފަސް ޝިޕްމަންޓަކަށް ބަހާލައިގެން ފަސް ލައްކަ މަސްދަޅު ފޮނުވުމަށް ނިންމާފައިވާއިރު، މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވަނީ އިއްޔެ ތުރުކީގެ ޤައުމީ އެއާލައިން ޓާކިޝް އެއާލައިން މެދުވެރިކޮށެވެ.

ތުރުކީއަށް މަސްދަޅު ޝިޕްމަންޓް ފޮނުވުމުގެ ތެރެއިން-- ފޮޓޯ/ ދިވެހި ހާރިޖިއްޔާ

ދިވެހި ހާރިޖިއްޔާއިން ބުނީ، ތުރުކީއަށް ފޮނުވުމަށް ނިންމާފައިވާ ޖުމްލަ އެއް މިލިއަން މަސްދަޅުގެ ތެރެއިން ދެބައިކުޅަ އެއްބައި މަސްދަޅު، މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް ނިންމާފައިވާކަމަށެވެ.

ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް އެހީއެއްގެ ގޮތުގައި، އެއިން ކޮންމެ ގައުމަކަށް އެއް މިލިއަން މަސްދަޅު ހަދިޔާކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ތުރުކީގެ ހުޅަނގު ދެކުނަށް ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ހަ ވަނަ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް