ޒޯނު ހައެއްގެ ތަށި ވާދޫން އުފުލާލައިފި

ވާދޫން ޒޯނު ހައެއްގެ ތަށި އުފުލާލަނީ --- ފޮޓޯ/ ސިޑިބަރި

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ހައެއްގެ ތަށި ގދ. ވާދޫއިން އުފުލާލައިފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ ޒޯނު ފައިނަލް މެޗުގައި ބައްދަލުކުރީ ލ. ގަމާއި ވާދޫއެވެ. އެ މެޗު ވާދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ވާދޫގެ ގޯލުތައް ޖެހީ އިބްރާހީމް ޝައުފު މުހައްމަދާއި، މުހައްމަދު ނާއިލްގެ އިތުރުން މުސައްނިފު މުހައްމަދެވެ. އެ މެޗުގައި ގަމުން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ އަހުމަދު ހަލީމްއެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުސައްނިފު މުހައްމަދެވެ.

އެ މެޗުން ގަން ބަލިވި ނަމަވެސް އެ ޓީމު ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. އެ ގްރޫޕްގެ ކުޅުން ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް