ކުރީގެ ޑްރަގް ލޯޑް ޕަބްލޯ އެސްކޮބާގެ 70 "ކޮކެއިން ކަނޑުގެރި" ޑީޕޯޓް ކޮށްލަނީ

ކޮލޮމްބޯގެ ކުރީގެ ޑްރަގް ލޯޑެއް ކަމަށްވާ ޕަބްލޯ އެސްކޮބާގެ ފާމެއްގެ ވަށައިގެން ދިރިއުޅޭ 70 "ކޮކެއިން ކަނޑުގެރި" ޑީޕޯޓް ކޮށްލަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް

ކޮލޮމްބިއާގެ ކުރީގެ ޑްރަގް ލޯޑެއް ކަމަށްވާ ޕަބްލޯ އެސްކޮބާގެ ފާމެއްގެ ވަށައިގެން ދިރިއުޅޭ 70 "ކޮކެއިން ކަނޑުގެރި" ޑީޕޯޓް ކޮށްލުމަށް އެ ގައުމުން ނިންމައިފިއެވެ.

މި ކަނޑުގެރިތައް ޑީޕޯޓްކޮށްލުމަށް ނިންމާފައިވަނީ އާލާވާ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ.

ޑީޕޯޓްކޮށްލުމުގެ ޕްލޭންގައި އިންޑިއާގެ ގުޖުރާތަށް 60 ކަނޑުގެރި ފޮނުވުމަށް ނިންމާފައިވާއިރު ބާކީ 10 ކަނޑުގެރި މެކްސިކޯގެ ޒޫތަކާއި ސެންޗުއަރީތަކަށް ފޮނުވަން ވަނީ ނިންމާފައެވެ.

ކޮލޮމްބިއާާގެ މައި ސިޓީ ކަމަށްވާ ބޮގޮޓާއާ ގާތްގަނޑަކަށް 125 މޭލު ދުރުގައި އޮންނަ ޕަބްލޯ އެސްކޮބާގެ ފާމް، ހައިސެންޑާ ނަޕޯލްސް ރާންޗަށް ގަވާއިދާ ޚިލާފަށް ކޮކެއިން ކަނޑުގެރި އެތެރެ ކުރީ 1980ގެ އަހަރުތަކުގައެވެ.

1993 ވަނަ އަހަރު ޕަބްލޯ އެސްކޮބާގެ ގަޔަށް ބަޑިޖަހައި މަރާލިއިރު، އެ ފާމްގައި ތިބީ ހަތަރު ކަނޑުގެރިއެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ދިހަ ވަރަކަށް އަހަރު ފަހުން އެ ސަރަހައްދުގައި ގާތްގަނޑަކަށް 130 ކަނޑުގެރި އުޅުނެވެ. މި ކަނޑުގެރިތައް ހަލުވިކަމާއެކު އާލާވާއިރު ފާމްގެ ބޭރަށް ފެތުރިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަށް އަހަރު ތެރޭގައި ކަނޑުގެރީގެ އަދަދު 400 އަށް އަރާފާނެ ކަމުގެ ބިރު އެބައޮތެވެ.

އެހާ ގިނަ އަދަދަކަށް ކަނޑުގެރި އާލާވުމުގެ ސިއްރަކީ އެ ސަރަހައްދުގައި ޝިކާރަކުރާ ޖަނަވާރުތައް ނެތުމާއި، މޫސުން ރަނގަޅުވުމާއި، ގިނަ އަދަދަކަށް ކާނާއާއި ފެން ލިބުމެވެ.

ޕަބްލޯ އެސްކޮބާގެ ފާމް، ހައިސެންޑާ ނަޕޯލްސް ރާންޗުގައި ގަނޑުގެރިތަކެއް -- ފައިލް ފޮޓޯ/ އޭޕީ

އެ ސަރަޙައްދުގައި ކަނޑުގެރީގެ އާބާދީ އިތުރުވަމުންދާ ކަމަކީ ޒަމާނުއްސުރެ އެނގިފައިވާ ކަމެއް ކަމަށް ބޭރުގެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އިކުއެޑޯ، ބޮޓްސްވާނާ، އަދި ފިލިޕީންސް އިން ވެސް ބައެއް ކަނޑުގެރި އެ ގައުމުތަކަށް ގެންދިޔުމުގެ ޝައުގުވެރިކަން ފާޅުކޮށް މިހާރު ވަނީ ރަޖިސްޓްރީވެސް ކޮށްފައިއެވެ.

ނޭޝަނަލް ޖިއޮގްރަފިކް އަށް މައުލޫމާތު ދެއްވަމުން އިކޯލޮޖިސްޓެއް ކަމަށްވާ ޝުރީން ވިދާޅުވީ މީގެ ކުރިން ބައެއް ކޮކެއިން ކަނޑުގެރި ސްޓެރެލައިޒް ކުރި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭ މިންވަރަށް އެތަކެތި ގިނަވަމުން އަންނަ ކަމަށެވެ.

"އެތަށް އަހަރެއް ތެރޭގައި ކަނޑުގެރީގެ އެތަށް ހާހެއް އާލާވެދާނެ،" ޝުރީން ބުންޏެވެ.

comment ކޮމެންޓް