ޓެކްނޮލޮޖީއާއި އިނޮވޭޝަން (އައު އީޖާދު)ގެ ދާއިރާގައި ހުޅަނގަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާކަމަށް ސްޓްރެޓީޖިކް ދިރާސާތަކާބެހޭ އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް (އޭއެސްޕީއައި)އިން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޖޯން ހަވަޑް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ބައިނަލްއަގްވާމީ ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ތިންކްޓޭންކެއްކަމަށްވާ "އޮސްޓްރޭލިއަން ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓް"އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ދިފާއީ އަދި ހަތިޔާރާބެހޭ އުފެއްދުންތަކާއި ފަޒާއާއި ރޮބޮޓިކްސްގެ އުފެއްދުންތަކާއި ހަކަތައާއި ތިމާވެށި، ބަޔޯޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، އަދި ކުއަންޓަމް ޓެކްނޮލޮޖީފަދަ މިޒަމާނުގެ ބާރުވެރިކަން ހޯދުމާ ގުޅިފައިވާ ބޮޑެތި އިޖާދުތަކާއި ސިނާއަތްތަކުގައި ޗައިނާ ދަނީ އެމެރިކާގެ މައްޗަށާއި ޔޫރަޕްގެ މައްޗަށްވެސް ކުރިހޯދަމުންނެވެ.
މި ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ބާރުވެރިކަން ހޯދުމާގުޅޭ 44 ޓެކްނޮލޮޖީއެއްގެ ތެރެއިން 37 ޓެކްނޮލޮޖީއެއްގައި މިހާރުވެސް ހުޅަނގަށްވުރެ ކުރީގައި އުޅެނީ ޗައިނާއެވެ. އަދި މި ޓެކްނޮލޮޖީތަކާބެހޭ ދިރާސާތައްކުރާ ރީސާޗް ސެންޓަރުތައް ވެސް ހުޅަނގަށްވުރެ ގިނައީ ޗައިނާގައެވެ.
މި ރިޕޯޓްތައް ބުނާގޮތުން ކުއަންޓަމް ކޮމްޕިއުޓިންގެ ދާއިރާއާއި ފަޒާގައި ދިރާސާ މަރުކަޒުތައް ބިނާކުރުމުގެ ޓެކްނޮލޮޖީގައިވެސް ހުޅަނގަށްވުރެ ކުރީގައި އުޅެނީ ޗައިނާއެވެ. ޗައިނާ ގެންދަނީ އަމިއްލަ ޓެކްނޮލޮޖީގައި ޖައްވުގައި ވަރަށް ބޮޑު ސްޕޭސް ސްޓޭޝަނެއް ބިނާކުރަމުންނެވެ.
އެމެރިކާގައި މިކަމާބެހޭ ޕްލޭނެއްވެސް ނެތެވެ. ނަމަވެސް އެމެރިކާއަކީ 1980ގެ އަހަރުތަކުގައި ސްކައިލެބްގެ ނަމުގައި ޖައްވުގައި ސްޕޭސް ލެބޯޓްރީ އެއް އަމިއްލަ ޓެކްނޮލޮޖީގައި ބިނާކޮށްފައިވާ ގައުމެކެވެ. އަނެއްކޮޅުން އެމެރިކާއަކީ ކުރިން ވަރަށް ގިނަ ސްޕޭސް ޝަޓްލްތައް (ފަޒާއަށް މީހުން ފޮނުވާ އުޅަނދުތައް) ވެސް އޮޕަރޭޓް ކުރަމުން ގެންދިޔަ ގައުމެކެވެ. މީގެތެރޭގައި "އެންޓާޕްރައިސް"، "ޗެލެންޖާ"، "ކޮލަންބިއާ" އަދި "އެޓްލާންޓިސް" ހިމެނެއެވެ.
މީގެތެރެއިން އެއްބައި އުޅަނދުތައްވަނީ ޓެކްނިކަލް މައްސަލަތައް ދިމާވެގެން ޖައްވުގައި ގޮވައި، ހަލާކުވެފައެވެ. އަނެއްބައި އުޅަނދުތައްވަނީ ބައުވެ މުއްދަތު ހަމަވެ ބޭނުން ނުކުރެވޭ ވަރުވެގެން މަސައްކަތުން ބޭރުކޮށްފައެވެ. އެމެރިކާގައި އެންމެ ފަހުން އޮތް ޖައްވީ އުޅަނދު ނުވަތަ ސްޕޭސް ޝަޓްލް އަކީ "އެޓްލާންޓިސް" އެވެ. "އެޓްލާންޓިސް" ޖައްވަށް އެންމެ ފަހުގެ ދަތުރުކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަދުވަހުއެވެ.
އެއަށްފަހު އެމެރިކާގެ ފަޒާއާބެހޭ އިދާރާ "ނާސާ" ގައި މިއަދާ ހަމައަށްވެސް ޖައްވީ އުޅަނދެއްނެތެވެ. އަނެއްކޮޅުން އެމެރިކާގެ މަހުޖަނެއްކަމަށްވާ އިލޮން މަސްކްގެ އިންޓަނެޓް ކުންފުނި ކަމަށްވާ "ސްޓާލިންކް" އާ ވާދަކުރުމަށްޓަކައި ޗައިނާ ވަނީ 3،000 ސެޓަލައިޓް ޖައްވަށް ފޮނުވުމުގެ އައު މަޝްރޫއެއް ފަށާފައެވެ. އެއީ ޗައިނާ އަމިއްލައަށް ބިނާކުރާ އިންޓަނެޓްގެ މަޝްރޫއެކެވެ.
އެމެރިކާއިން ޖައްވުގައި ސްޓޭޝަންވެގެން ކުރާ ދިރާސާތައް މިހާރު ކުރަނީ ރަޝިއާ، ޖަޕާން، ކެނެޑާ އަދި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން ބިނާކުރި ޖައްވީ ސްޓޭޝަންކަމަށްވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައެވެ. އެ ސްޓޭޝަންގެ މުއްދަތު ހަމަވާން ގާތްވެފައިވާތީ ރަޝިއާ ވަނީ އެގައުމު އަމިއްލައަށް އެއަށްވުރެ މާ ފުރިހަމަ ޖައްވީ ސްޓޭޝަނެއް ފަޒާގައި ބިނާކުރަން ފަށާފައެވެ. ރަޝިއާގެ އެސްޓޭޝަން ކުރިޔަށްއޮތް ދެއަހަރެއްހާ ދުވަސްތެރޭގައި ބިނާކޮށް ނިމޭނެއެވެ.
އެމެރިކާގައި މިފަދަ ޕްލޭނެއް ނެތެވެ. ޗައިނާއާއި ރަޝިއާ މިދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް ގެންދަނީ އެމެރިކާ އުފައްދައިގެންއުޅޭ ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް (ޖީޕީއެސް) ފަދަ ޕޮޒިޝަނިން ނިޒާމުތައްވެސް އަމިއްލަ ޓެކްނޮލޮޖީގައި ބިނާކުރަމުންނެވެ.
ސްޓްރެޓީޖިކް ދިރާސާތަކާބެހޭ އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް ގެ ރިޕޯޓް ބުނާގޮތުން އެމެރިކާ ބާރު މިހާރު ގަދައަށްއޮތް ދެ ދާއިރާ ކަމަށްވާ އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީގައިވެސް ޗައިނާ ގެންދަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އަދި އެމެރިކާގެ ޑޮމިނޭޝަން އޮތް ސިވިލްއޭވިއޭޝަންގެ ދާއިރާގައި ކުރިޔަށްދިޔުމަށްވެސް ޗައިނާ ގެންދަނީ ބޮޑެތި ރީސާޗްތަކެއް ކުރަމުންނެވެ. އެހެންކަމުން ކުރިޔަށްއޮތް ހައެއްކަ އަހަރުތެރޭގައި މިދެދާއިރާގައިވެސް ޗައިނާ އެމެރިކާއާ ފައިހަމަކުރާނެ ކަމަށްވަނީ ލަފާކޮށްފައެވެ.
މި ރިޕޯޓް ބުނާގޮތުން އެމެރިކާ އާއި ޔޫރަޕުން ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ނޫނީ ޓެކްނޮލޮޖީގެ ބާރާއި ކޮންޓްރޯލް ލަސްތަކެއްނުވެ ހުޅަނގުގެ އަތްދަށުން ގެއްލިގެންދާނެއެވެ. މިއާއެކު ދުނިޔޭގެ ޖިއޮޕޮލިޓިކަލް ބާރާއި ނުފޫޒުވެސް އެމެރިކާގެ އަތްދަށުން ގެއްލިގެން ދާނެއެވެ. އަދި އޭގެ ބޮޑު ކޮންޓްރޯލެއް ޗައިނާ ނަގާނެއެވެ.
ޗައިނާ ގެންދަނީ ރަޝިއާއާ ގުޅިގެން އެމެރިކާގެ މާލީ ނިޒާމުގެ ބަދަލުގައި އެހެން މާލީ ނިޒާމެއްވެސް ގާއިމްކުރަން މަސައްކަތް ކުރަމުންނެވެ. "އޭއެސްޕީއައި"ގެ ރިޕޯޓް ބުނާގޮތުން މުސްތަގްބަލަށް އަމާޒުކޮށްގެން އަލަށްކުރުމަށް ހަމަޖެހިފައިވާ އައު އީޖާދުތަކާއި އިންސާނުންނަށް އަދި ނުހޯދޭ ޓެކްނޮލޮޖީތަކުގައިވެސް މުސްތަގުބަލުގައި ހުޅަނގަށްވުރެ ކުރިއަރާނެކަމަށް ބެލެވެނީ ޗައިނާއެވެ. އެއީ ޗައިނާގެ ރޭވުންތެރިކަން ބޮޑުވެފައި ރީސާޗްގެ ދާއިރާގައި ޗައިނާ ކުރަމުންގެންދާ މަސައްކަތްތައް ގިނަވެފައި ޗައިނާގައި ސައެންސްވެރިންނާއި ފަންނީ މީހުންވެސް ގިނަވެފައި ޗައިނާއިން އެކަމަށް ކުރާ ހޭދަވެސް ބޮޑުކަމުންނެވެ.