އިންސްޓަގްރާމްގެ އުމުރު ވެރިފިކޭޝަން އިތުރު ހަ ގައުމެއްގައި ތައާރަފުކުރަނީ

އިންސްޓަގްރާމް ބޭނުންކުރާ ކުދިންގެ އުމުރު ކަށަވަރު ކުރާ މަރުހަލާތައް --

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްއިން އެ އެޕް ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރާ ފީޗާ ނުވަތަ އޭޖް ވެރިފިކޭޝަން ފީޗާ އިތުރު ހަ ގައުމެއްގައި ތައާރަފުކުރަން ނިންމައިފިއެވެ.

މިއީ އިންސްޓަގްރާމްއަކީ ކުޑަކުދިންނަށް ރައްކާތެރި ޕްލެޓްފޯމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ.

އެ ބަދަލާއެކު، އޮސްޓްރޭލިއާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން އަދި ސްޕެއިންގެ ކަސްޓަމަރުންގެ އުމުރު އިންސްޓަގްރާމްގައި ކަށަވަރު ކޮށްފައި ނުވާ ނަމަ، އެޕް ބޭނުން ކުރުމުގެ ކުރިން އެކަން ކުރުމަށް އަންގާނެއެވެ. އުމުރު ވެރިފިކޭޝަން މަރުހަލާގައި އުފަން ތާރީޚެއް ޖެހުމާއި ސަރުކާރުން ދޫކުރާ އައިޑީއެއް އަޕްލޯޑް ކުރުން ހިމެނެއެވެ.

އިންސްޓަގްރާމްއިން ބުނި ގޮތުގައި އުމުރު ވެރިފިކޭޝަން ޓެސްޓުގެ މަގުސަދަކީ އުމުރުން ހަގު ކުދިން އެ ޕްލެޓްފޯމަށް ވަނުން ހުއްޓުވުމުގެ އިތުރުން، އެ އެޕް ބޭނުންކުރާ އެކި އުމުރުފުރާގެ މީހުންގެ ތަޖުރިބާ ރަނގަޅުކުރުމެވެ.

އިންސްޓަގްރާމްއިން ނެރުނު ބަޔާނެއްގައި ބުނީ އިންސްޓަގްރާމްއަކީ އެންމެންނަށް ވެސް ރައްކާތެރި ޕްލެޓްފޯމަކަށް ހެދުމަށް ބޭނުންވާ ކަމަށާއި އުމުރު ވެރިފައި ކުރުމަކީ އެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އުމުރު ވެރިފިކޭޝަން ޓެސްޓު އެންމެ ފުރަތަމަ އިނގިރޭސިވިލާތާއި އެމެރިކާގައި މިދިޔަ އަހަރު ތައާރަފުކުރި އިރު، އޭގެ ފަހުން ވަނީ އެހެން ބައެއް ގައުމުތަކަށް ވެސް މި ޓެސްޓު ތައާރަފުކޮށްފައެވެ. އުމުރު ވެރިފިކޭޝަން ޓެސްޓުގެ އިތުރުން ޒުވާނުންނަށާއި، ފުރާވަރުގެ ކުދިންގެ ރައްކާތެރިކަމަށް ޓަކައި އެހެނިހެން ފިޔަވަޅުތައް ވެސް އިންސްޓަގްރާމުން ވަނީ ތަންފީޒުކޮށްފައެވެ.

އިންސްޓަގްރާމްގެ އުމުރު ވެރިފިކޭޝަން ޓެސްޓަށް، މިޚިދުމަތް ބޭނުންކުރާ މީހުންގެ ފަރާތުން ވަނީ ތަފާތު ޚިޔާލުތަކެއް ލިބިފައެވެ. އޮންލައިންކޮށް ޒުވާނުން ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން މިޚިދުމަތަށް ތައުރީފު ކުރާއިރު، އަނެއް ބަޔަކު ވަނީ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަންބޮޑުވުންތަކާއެކުވެސް އިންސްޓަގްރާމްއިން ވަނީ އުމުރު ވެރިފިކޭޝަން ޕްރޮސެސް ފަރުމާކޮށްފައިވަނީ ބޭނުންކުރާ މީހުންގެ ޕްރައިވެސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެފައެވެ.

"ޔޫޒާ ޕްރައިވެސީ ވަރަށް ސީރިއަސްކޮށް ބަލައި، އުމުރު ވެރިފިކޭޝަން މަރުހަލާގައި އެއްކުރާ ހުރިހާ ޑޭޓާއެއް ރައްކާކުރެވެނީ ރައްކާތެރިކަމާއެކު އަދި އަމަލުކުރާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އެ ކުންފުނީގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް