މަހިބަދޫ ކަޓުވާލުމަށްފަހު ދިއްގަރު ޒޯނު ފައިނަލަށް

ދިއްގަރާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި މަހިބަދޫ ކަޓުވާލުމަށްފަހު ދިއްގަރުން ޒޯނު ހަތަރެއްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ދިއްގަރުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ދިއްގަރުންނެވެ. އެ ގޯލު ދިއްދަރަށް ޖަހައިދިނީ އަހުމަދު މިދުހަތު މުހައްމަދެވެ. އަދި އޭގެ ކުޑަ އިރުކޮޅެއްފަހުން ދިއްގަރުގެ މުހައްމަދު އަލީ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ނަމަވެސް މަހިބަދޫ ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ހަނިކުރިއެވެ. އެ ގޯލު މަހިބަދޫއަށް ޖަހައިދިނީ ޝުއައިދު ސައީދެވެ. ނަމަވެސް ދިއްގަރަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އަލީ ވަނީ އަނެއްކާ ވެސް ދިއްގަރަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުހެ ކުރިން މަހިބަދޫން އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ އާދަމް ފަހުމާންއެވެ.

އެ މޮޅާއެކު ޒޯނު ފައިނަލްގައި ދިއްގަރު ވާދަކުރަން ޖެހޭނީ މާމިގިއްޔާއެވެ. އެ މެޗު ކުޅޭނީ މާދަމާ ރޭ 10:00 ގައެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހަތަރެއްގައި ހިމެނެނީ މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރާއި އެ އަތޮޅުގެ ރަނަރަޕް ނާލާފުއްޓާއި އދ. އަތޮޅުގެ ޗެމްޕިއަން މާމިގިއްޔާއި އެ އަތޮޅުގެ ރަނަރަޕް މަހިބަދޫއެވެ.

އެ ޒޯނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދިއްގަރާއި މާމިގިއްޔެެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާމިގިލިންނެވެ. އަދި ނާލާފުށި ޒޯނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަހިބަދޫއާއެވެ. އެ މެޗުން 4-0 ގެ ނަތީޖާއަކުން ނާލާފުށި ވަނީ ބަލިވެފައެވެ. ޒޯނު ބުރުގެ ދެވަނަ މެޗުގައި މާމިގިލިން ވަނީ 3-1 ގެ ނަތީޖާއަކުން މަހިބަދޫ ބަލިކޮށްފައެވެ. އަދި ދިއްގަރުން ވަނީ 4-0 ގެ ނަތީޖާއަކުން ނާލާފުށި ބަލިކޮށްފައެވެ. އެހެންކަމުން ނާލާފުށި ވަނީ މުބާރާތުން ކަތައިފައެވެ. އަދި މާމިގިއްޔަށް ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް