ވިލިމާލޭގެ އެއްވެސް ކަމަކާ ގުޅޭގޮތުން މަޝްވަރާ ނުކޮށް, މާލޭ ސިޓީ ކައުންސިލުން ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން ގެންދާ ކަމަށް ވިދާޅުވެ މާލެ ސިޓީގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭނާގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނުގައި ގިނަ އަދަދެއްގެ ކަންތަތަކެއް ފާހަގަކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ތަކުރާރުކޮށް އެދުމުންވެސް ވިލިމާލެއާ ގުޅިގެން ރައްޔިތުން ކުރި ސުވާލުތަކުގެ ޖަވާބު ދިނުމުގެ ފުރުސަތު އޭނާއަށް ދީފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކުރެވޭ ސުވާލަށް ޖަވާބު ނުދެވޭނެ އެއްވެސް ހަރުކަށި އުސޫލެއް އޮވެގެން ނުވާނެކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، ވިލިމާލެ އާ ގުޅޭގޮތުން ރައްޔިތުން ސުވާލުކުރަމުން ދިޔައިރު ގަސްތުގައި އަޑު ކަނޑާލާފައިވާ ކަމަށާއި، ބައެއް ސުވާލުތަކުގެ ޖަވާބުގައި ހަގީގަތް އޮޅޭހެން، ކަންހިނގާފައިވާ ގޮތާ ޚިލާފަށް ޖަވާބު ދީފައިވާ ކަމަށެވެ.
ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައިވާއިރު، ވަކި ކަމެއް ކުރުމަށް ބިމެއް ދޫކުރުމުގެ ކުރިން އެކަން ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް، ކައުންސިލްގެ ތަޅުމަށް ހުށަހެޅުމެއް ނެތި އުސޫލާ ޚިލާފަށް ބައެއް ކަންކަން ކައުންސިލުން އަމިއްލައަށް ނިންމާފައިވާ ކަމަށް ނަހުލާ ތުހުމަތުކުރެއްވިއެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ވިލިމާލެއިން ރެޑްވޭވަށް ބިން ދީފައިވަނީވެސް ނަހުލާއަށް އެނގުމެއް ނެތި އެއްވެސް މަޝްވަރާއަކާ ނުލައި ކަމަށެވެ.
މީގެއިތުރުން، ޕީޕީއެމްއިން އޭނާ ވަކިކުރުމަށް ފަހު ސިޓީ ކައުންސިލްގެ ވިލިމާލެ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ބަދަލުކޮށްފައިވަނީވެސް އުސޫލާ ޚިލާފަށް ކަމަށް ބަޔާނުގައިވެއެވެ. އަދި އެކަމަކީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރަމުން އަންނައިރު، ޖަލްސާއަށް ކަންކަން ނުގެނެސް ހިތުހުރިހާ ގޮތަކަށް ކަންކަން ނިންމުމަށް ކުރި ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް ހޯދުމަށް ގުޅާލުމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލުން ނޫސްބަޔާން ދިރާސާ ކުރަމުން އަންނަ ކަމަށާއި، އެއަށްފަހު ކައުންސިލްގެ ފަރާތުން ރަސްމީ ޖަވާބެއް ދެއްވާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އިއުލާން ކުރުމާއި، ބިޑް ކުރުމަކާ ނުލައި ކޮމިޓީ ތެރެއިން ކަންކަން ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންކަން ހިނގުމުގެ ފުރުސަތު އޮތް ކަމަށްވެސް ނަހުލާ ވަނީ ތުހުމަތުކުރައްވާފައެވެ.