ބަރުދަން ހުންނަންޖެހޭ ވަރަށްވުރެ އިތުރު މީހުންގެ ނިސްބަތް މައްޗަށް

ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން 2035 ވަނަ އަހަރުގެ ނިޔަލަށް ބަރުދަން އިތުރުވެ ފަލަވާނެ ކަމަށް ވޯލްޑް އޮބީސިޓީ ފެޑަރޭޝަންއިން ލަފާކޮށްފި -- ފޮޓޯ/ ރޮއިޓާސް

ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރު މީހުންގެ ނިސްބަތް، ކުރިއަށް އޮތް 12 އަހަރުތެރޭގައި ދުނިޔޭގެ އާބާދީގެ 51 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް އޮބީސިޓީ ފެޑަރޭޝަންއިން ލަފާކޮށްފިއެވެ.

ވޯލްޑް އޮބީސިޓީ ފެޑެރޭޝަންއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2035 އަންނަންވާއިރަށް ހަތަރު ބިލިއަނަށް ވުރެ ގިނަ މީހުން ފަލަވެ, އެމީހުންގެ ބަރުދަން ހުންނާނީ ހުންނަން ޖެހޭ މިންވަރަށް ވުރެ މަތީގައެވެ. އަދި މާބޮޑަށް ބަރުވުމުން ޖެހޭ ބައްޔެއް ކަމަށްވާ އޮބީސިޓީ, އޭގެ ތެރެއިން ދެ މިލިއަން މީހުންގެ ހުންނާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ކުޑަކުދިންނާއި ފަގީރު ގައުމުތަކުގެ މީހުންނަށް އޮބީސިޓީ ޖެހޭ މިންވަރު ވަރަށް އަވަހަށް މައްޗަށްދާކަން ވަނީ ފާހަގަކުރެވިފައެވެ.

ވޯލްޑް އޮބީސިޓީ ފެޑެރޭޝަންގެ ރައީސް ލޫއީސް ބާއު ވަނީ މި ތަފާސްހިސާބަކީ ދުނިޔެއަށް "އިންޒާރެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ހާލަތު ގޯސް ވުމުގެ ކުރިން، ގައުމުތަކުގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން މިހާރުން ފެށިގެން އަމަލު ކުރަން ޖެހޭ ކަމަށެވެ.

"ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ތެރޭގައި ފަލަވުމުގެ ނިސްބަތް އެންމެ އަވަހަށް މައްޗަށް ދާތަން ފެނުމަކީ ޚާއްސަކޮށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ވޯލްޑް އޮބީސިޓީ ފެޑަރޭޝަންއިން ނެރެފައިވާ ޑޭޓާ

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް އޮބީސިޓީ ޖެހުމުގެ ނިސްބަތް 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2035 ވަނަ އަހަރު އަންނަންވާއިރު ދެގުނައަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވެއެވެ. އެގޮތުން އެ އަހަރަށް 208 މިލިއަން ފިރިހެން ކުދިންނާއި 175 މިލިއަން އަންހެން ކުދިންނަށް އޮބީސިޓީ ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

ވޯލްޑް އޮބިސިޓީ ފެޑެރޭޝަނުން ވަނީ، ބަރުދަން އިތުރުވުމުގެ ސަބަބުން ޖެހޭ ސިއްހީ މައްސަލަތަކުގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ވެސް ބޮޑުވާނެކަން ފާހަގަކޮށްފައެވެ. އެގޮތުން 2035 ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު ހަތަރު ޓްރިލިއަން ޑޮލަރު ޚަރަދު ކުރަން ޖެހޭނެ ކަމަށާއި އެއީ ދުނިޔޭގެ ޖީޑީޕީގެ ތިން ޕަސެންޓް ކަމަށް އެ ފެޑެރޭޝަނުން ބުންޏެވެ.

ދެހާސްވިހި ވަނަ އަހަރު، ބަރުދަން މާބޮޑަށް އިތުރު މީހުންނާއި އޮބީސިޓީ ޖެހިފައިވާ މީހުންގެ އަދަދު ދުނިޔޭގެ އާބާދީގެ 38 ޕަސެންޓަށް އަރައެވެ. އެއީ 2.6 ބިލިއަން މީހުންނެވެ.

ވޯލްޑް އޮބިސިޓީ ފެޑެރޭޝަނުން އަންނަ ހަފުތާގައި މި ރިޕޯޓް އދ.ގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށާއި މެމްބަރު ގައުމުތަކަށް ހުށަހަޅާނެއެވެ.

comment ކޮމެންޓް