ފަސޭހަކަމާއެކު ފޯކައިދޫ ބަލިކޮށް ނާވައިދޫ ފައިނަލަށް

ނާވައިދޫއާއި ނޭކުރެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޮލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސްލް ޗެލެންޖު 2023 ގެ ޒޯނު ބުރުގައި ޒޯނު އެކެއްގެ ސެމީ ފައިނަލްގައި ފަސޭހަކަމާއެކު ފޯކައިދޫ ބަލިކޮށް ނާވައިދޫ ޒޯނު ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ނާވައިދޫން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ނާވައިދޫގެ ގޯލުތައް ޖެހީ އިސްމާއިލް ވަޖީހުއާއި، އަބްދުﷲ ވިސާމްއާއި، ޔާމިން މުހައްމަދުގެ އިތުރުން އަހުމަދު ހަމީދެވެ.

އެ މެޗުން މޮޅުވެ ނާވައިދޫ ޒޯނު އެކެއްގެ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ ކަނޑިތީމާއެވެ.

އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ވަނީ ޒޯން އެކެއްގެ ދެ ގްރޫޕްގެ މެޗުތައް ކުޅެފައެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ. އަަތޮޅުގެ ޓީމުތަކެވެ.

އެ ޒޯންގެ ގްރޫޕް އެކެއްގައި ހިމެނެނީ އުތީމާއި ނާވައިދޫގެ އިތުރުން ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ފޯކައިދޫއާއި ކަނޑިތީމުގެ އިތުރުން ފިއްލަދޫއެވެ.

ގްރޫޕް އެކަކުން ސެމީ ފައިނަލަށް ދަތުރުކުރީ ނާވައިދޫއާއި ނޭކުރެންދޫއެވެ. އަދި ގްރޫޕް ދޭކުން ސެމީއަށް ދަތުރުކުރީ ކަނޑިތީމާއި ފޯކައިދޫއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް