ވިލިމާލޭގައި ބަގީ ދަތުރަކަށް ދެ ރުފިޔާ، ސުކޫލު ކުދިންނަށް ހިލޭ

ވިލިމާލޭގައި ބަގީއެއް ދުއްވަނީ -- ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ޚިދުމަތަށް އެ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައިފިއެވެ.

ވިލިމާލޭގެ އެތެރޭ ދަތުރުފަތުރުގެ ދަތިކަން ބޮޑުވެފައި އޮތުމުން، ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭން ނިންމީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 63 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިދިޔަ އޮގަސްޓު މަހެވެ. އެ ޚިދުމަތް ސިޓީ ކައުންސިލުން ދޭން ހުށަހެޅީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

އެ ޚިދުމަތް ދޭން ނިންމައި، އެ ކަމަށް ބޭނުންވާ ބަގީތައް ވެސް މިހާރު ހުރީ މާލެ ގެނެސްފައެވެ. އެ ކައުންސިލުން މިދިޔަ މަހު އެ އަވަށުގައި ބަގީގެ ޚިދުމަތް ދޭން މަސައްކަތް ކުރި ނަމަވެސް އޭރު ކަނޑައެޅި ތާރީޚަށް އެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

ބަގީގެ ޚިދުމަތް ވިލިމާލޭގައި ފެށުމަށް މާލެ ސިޓީ ކައުންސިލުން ބަގީގެ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 91ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ"ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާނަމަ އަގުތަކަކީ:

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

އަދި، ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

comment ކޮމެންޓް