މަދަރުސީ ހަޔާތެއް ނިމިގެން ދާއިރު، ފޯރުކޮށްދޭ ތައުލީމުގެ އަލީގައި ދިވެހި ދަރުވަރުން ދަސްކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަދެއްކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މާދަރީ ބަހަށް ދެވިފައި އޮންނަ އަހައްމިއްޔަތުކަން ނެތިގެން ދާން ފަށާފައިވާ ކަމުގެ ބިރު ހީވާން ފަށާފައިވާ ކަމަށެވެ.
ގައުމެއްގެ މިނިވަންކަން ގުޅިފައި އޮންނަނީ އެ ގައުމެއްގެ އަމިއްލަވަންތަކަމާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ އަމިއްލަ ބަހާ ދިވެހީން ދުރުވެގެން ގޮސްފިކަމުގައި ވަނީ ނަމަ، ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ބުނެ ވަކާލާތު ކުރާ ކުރުން ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ދިވެހި ބަހަކީ ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާ. މިކަން މިހެން އޮތް އިރު ދިވެހި ބަހުން ދިވެހި ކުޑަކުދިންނަށް ވާހަކަދައްކަން ނޭންގުމަކީ ދިވެހި ހުރިހާ ރައްޔިތުން އެކަމާމެދު ހިތާމަ ކުރަން ޖެހޭ ކަމެއް. މިއީ މުސްތަގުބަލަށް ވިސްނާއިރު ފިކުރު ބޮޑުވާން ޖެހޭނެ ކަމެއް. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމާއި ދިވެހި ވަންތަކަމަށްޓަކައި ދިވެހީން ސާބިތު ފިސާރި ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މި ހަފްލާގައި މިނިސްޓަރު ވަނީ ހިރިލަންދޫ ސްކޫލް ތަރައްގީކުރުމުގެ ގޮތުން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކަށްވެސް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން، ހިރިލަންދޫ ސްކޫލްގައި މިހާރު ގާއިމް ކުރަމުންދާ މަލްޓިޕާޕަސް ހޯލްގެ މަޝްރޫއާއި އަލަށް އިމާރާތް ކުރާ ކްލާސްރޫމްތަކުގެ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތައް ނިމި، އަންނަ އަހަރުގެ ޖެނުއަރީ މަހު އެ އިމާރާތްތައް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިރިލަންދޫ ސްކޫލުން ކިޔަވާ ދަރިވަރުންގެ ފެންވަރު މަތި ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ސްކޫލް ވެހި ކުރުމުގެ ޕްރޮގްރާމްގައި 2021 ވަނަ އަހަރު ހިރިލަންދޫ ސްކޫލް ވަނީ ހިމަނާފައެވެ.
އޭގެއިތުރުން، މަދަރުސާގެ ހިންގުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މަދަރުސާގެ އިސްވެރިންނާއި މުދައްރިސުން އެފަދަ ތަފާތު އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމަށްވެސް މިނިސްޓްރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކައިގައި އޭނާ ވަނީ ހިރިލަންދުއާއި ރާއްޖޭގެ އެންމެހާ ސްކޫލްތައް ކުރިއެރުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އިސްކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ.