ވިލިމާލޭ ލޯކަލް މާރުކޭޓް ގޮޅިތަކުގެ ކުލި ހަތަރު މަސް ވަންދެން ނުނަގާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ވިލިމާލޭ ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި މި މަސް ހިމެނޭހެން ހަތަރު މަސްވަންދެން ނުނެގުމަށް އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ހަމަ އެއާއެކު، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ކުލި 30 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވިި ގޮތުގައި ވިލިމާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ފީ ހަތަރު މަހުގެ ނިޔަލަށް ނުނަގަން ނިންމީ އެ މާރުކޭޓަކީ އަލަށް ހުޅުވާ ތަނަކަށް ވާތީ ކަމަށެވެ.
"އަދި އެސްޓެބްލިޝް ވާން ވެސް ބޮޑު ޚަރަދުތަކެއް ހިނގާނެ. އެހެންވީމަ އިންސެންޓިވް އެއްގެ ގޮތުން މި ހަތަރު މަހުގެ ކުލި ނުނަގާ ގޮތަށް ނިންމީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ފީ 30 ޕަސެންޓް ކުޑަ ކުރަން ނިންމީ ހުރިހާ ޚަރަދުތަކެއް ބޮޑުވެ، އާއްމުންގެ އަތްމަތި ދަތި ދަނޑިވަޅަކަށް ވުމުގެ އިތުރުން ރަމަޟާން މަހަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިމާލޭގެ ލޯކަލް މާރުކޭޓަށް އެހާބޮޑު ތަރުޚީބެއް ލިބިފައިނުވާއިރު އެތަނުގެ އެކި ކަންކަމާ ގުޅިގެން މާރުކޭޓުގެ ގޮޅިތަކުގެ ތިބޭ މީހުންގެ ޝަކުވާކުރެއެވެ.
އެގޮތުން އެ މާރުކޭޓުގެ ގޮޅިތަށް ހަދާފައިހުރި ގޮތުން، ވަށައިގެން އެތާނގައި ޖަހާފައިހުރި ދާގަނޑުތަކުގެ ބާގަނޑު ތެރެއިން މީދާ ފަދަ އެއްޗިއްސަށް ވަދެވޭނެ ކަމަށް މީހުން ބުނެއެވެ. އަދި ވިޔަފާރިކޮށް ނިމުމުން ގޮޅިތައް ބަންދުކޮށްފައި ދެވޭނެ ގޮތެއް ނެތް ކަމުގެ ޝަކުވާތައް ވެސް މީހުން ކުރެއެވެ.
އެ ޝަކުވާތަކާ ގުޅިގެން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ ދިރޭ އެއްޗިއްސަށް ނުވަދެވޭ ގޮތް ހެދުމަށް ދާ ޖެހުމުގެ މަސައްކަތް އެ ކައުންސިލުން ކުރާ ކަމަށެވެ. އަދި އެކަން ކައުންސިލުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.