މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު އުފުލެމުންދާތީ ތެޔޮ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުވައްޒަފުން ގޭގައިތިބެގެން މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް ވިއެޓްނާމްގެ ޓްރޭޑް މިނިސްޓްރީން އެ ގައުމުގެ ވިޔަފާރި ކުންފުނިތަކަށް ގޮވާލައިފިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ތެލުގެ ސަޕްލައިއަށް ބުރޫއެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް ހިމެނޭއިރު، އެ ގައުމަކީ މެދުއިރުމަތިން ހަކަތަ އެތެރެކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ.
އެ ގައުމުގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިޔަފާރިތަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ހިތްވަރު ދޭން އެދޭ ކަމަށެވެ.
ވިއެޓްނާމްގެ އިތުރުން ހަކަތައިގެ ދަތިކަމުން އަރައިގަތުމަށް އަޅާ ކުއްލި ފިޔަވަޅެއްގެ ގޮތުން ބަންގްލަދޭޝްގެ ހުރިހާ ޔުނިވާސިޓީތަކެއް އިއްޔެއިން ފެށިގެން ބަންދުކުރަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ބަންގްލަދޭޝްގެ ސަރުކާރު އަދި އަމިއްލަ ޔުނިވާސިޓީތަކުން އެ ނިންމުން ތަންފީޒުކުރާނެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލެމުން އަންނައިރު، ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު އިއްޔެ ވަނީ ފީފާއެއް 119 ޑޮލަރަށް އުފުލިފައެވެ. މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ 2022 ވަނަ އަހަރު ފެށުނު ފަހުން ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަަމަ ފަހަރެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަަމަލަތައް ދެމުންނެވެ.
ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމޮޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރުން ކޮންޓްރޯލުކޮށް ގާތްގަޑަކަށް ހުއްޓުމަކަށް ގެނެސްފައެވެ. އެހެންވެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު ވަނީ އުފުލިފައެވެ.