މި މަހު ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށޭނެ ކަމުގެ އުންމީދު ބޮޑު

ވިލިމާލޭގައި ބަގީއެއް ދުއްވަނީ -- ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް

މި މަހުގެ ފުރަތަމަ 15ގެ ތެރޭގައި ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާތައް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ އެތެރޭ ދަތުރުފަތުރުގެ ދަތިކަން ބޮޑުވެފައި އޮތުމުން، ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭން ނިންމީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 63 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިދިޔަ އޮގަސްޓު މަހެވެ. އެ ޚިދުމަތް ސިޓީ ކައުންސިލުން ދޭން ހުށަހެޅީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

އެ ޚިދުމަތް ދޭން ނިންމައި، އެ ކަމަށް ބޭނުންވާ ބަގީތައް ވެސް މިހާރު ހުރީ މާލެ ގެނެސްފައެވެ. އެ ކައުންސިލުން މިދިޔަ މަހު އެ އަވަށުގައި ބަގީގެ ޚިދުމަތް ދޭން މަސައްކަތް ކުރި ނަމަވެސް އޭރު ކަނޑައެޅި ތާރީޚަށް އެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެ ކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ އެ އަވަށުގައި ބަގީގެ ޚިދުމަތް ފެށުމަށް މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ އިދާރީ ބައެއް މަސައްކަތްތައް ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް ހުރިހާ ކަމެއްހެން ތައްޔާރުވެ، ހަމަޖެހެމުން އެ ދަނީ. މިހާރު ބަގީތައް މާލެ ގެނެވިފައި ހުރީ," އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ނާއިލް ހުސައިން

ވިލިމާލޭގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ގެނައީ، އާންމު ދަތުރުފަތުރުގެ އާންމު ދަތުރުފަތުރުގެ ހަތް ބަގީއަކާއި އެމްބިއުލާންސް ބަގީއަކާއި އަދި މުދާ އުފުލާ ދެ ބަގީއެކެވެ.

މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ޚިދުމަތް ފެށުމަށް ކުރަން ޖެހޭ ބައެއް މަސައްކަތްތަކުގެ އިތުރުން، ބެޓެރީ ބަގީތަކެއް ވީމާ، އެ ޗާގު ކުރުމަށް ބޭނުންވާ އިންތިޒާމުތައް ގާއިމު ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތްތައް ނިންމާލައި، ވީހާ ވެސް އަވަހަކަށް ބަގީގެ ޚިދުމަތް ދެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އުންމީދު ކުރެވޭ ހަމަ، މާޗު މަހުގެ ފުރަތަމަ ދެ ހަފުތާ ނުވަތަ މެދަކާ ހަމައަށް ދިއުމުގެ ކުރިން އަޅުގަނޑުމެންނަށް އަމަލީ ގޮތުން ބަގީ ދުއްވަން ފެށޭނެ ކަމަށް، ވަރަށް ބޮޑަށް އުންމީދު ކުރެވޭ 15ގެ ކުރިން ފެށޭނެ ކަމަށް. އެކަމަކު، ސީދާ ތާރީޚެއް އަޅުގަނޑުމެން އަދި އިއުލާނު ކުރާނަން," އޭނާ ވިދާޅުވިއެވެ.

ވިލިމާލެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ފާހަގަކުރެއްވި ގޮތުގައި ވިލިމާލޭގައި ވަރަށް ބައިވަރު މީހުން ދިރިއުޅެމުންދާއިރު އެ އަވަށުގައި ބަރޯސާވެވޭނެ ޓެކްސީ ޚިދުމަތެއް ނެތުމުގެ ސަބަބުން އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއެވެ.

މި ފަހުން، އެމްޓީސީސީ އާރްޓީއެލް ބަހުގެ ޚިދުމަތް އެ އަވަށުގައި ފެށި ނަމަވެސް، ބަހަކީ ވަކި ރޫޓަކުން ދުއްވާ އެއްޗަކަށް ވުމުން އެއީ އެންމެ ބަރޯސާވެވޭ ޚިދުމަތެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ވަކި ހާއްސަ ރޫޓެއްގައި ވެސް ދުއްވާނެ، އެކަމުގެ އިތުރަށް ގޭ ދޮރު މައްޗަށް ވެސް ގެންގޮސްދޭނެ، ޓެކްސީއެއް ގޮތަށް ހަމަ ޚިދުމަތް ދޭނެ," އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތުގެ ދަށުން، އެމްބިއުލާންސް ބަގީއަކާއި އަދި މުދާ އުފުލާ ދެ ބަގީ ވެސް އޮތުމުން ބަލި މީހުން އުފުލުމަށާއި މުދާ އުފުލަން ވެސް އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށް ވުރެ ވަރަށް ބޮޑަށް ލުއިވެގެންދާނެކަން އޭނާ ފާހަގަކުރެވިއެވެ.

comment ކޮމެންޓް