ދިވެހި ބަހަށް އިސްކަން ދޭން ޖެހޭނެ ކަމަށާއި، ބަހަށްދޭ އަހަންމިއްޔަތުކަމުން ދައްކުވައިދެނީ ގައުމުގެ މުއްސަނދިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގެ މިއަދުގެ ހަވީރު ދަންފަޅި ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވުމަށްފަހު "ސަން" އާ ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އަދަބިއްޔާތުގެ ތެރެއަށް ވީހާވެސް ގިނަ ދަރިވަރުން ވެއްދުމަކީ މުހިންމުކަމެއް ކަމަށާއި އެކަމުގެ ސަބަބުން ގައުމީ ލޯބި އިތުރުވާ ކަމަށެވެ.
އަދި، ކޮންމެ ދިވެއްސަކީވެސް ރީތިކޮށް ދިވެހި ބަހުން ވާހަދައްކަން ފަރިތަ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ސަބަބުން އެކަމަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމަށެވެ.
ބަހަށް އިސްކަން ދެވެން ޖެހޭނެ. އަޅުގަނޑުގެ އެދުމަކީ ޚާއްސަކޮށް ސްކޫލްތަކުންވެސް މިކަމަށް އިސްކަން ދިނުން. އަދި ހުރިހާ ލެވެލްއެއްގަ ވެސް ދިވެހި ބަހަށް އަބަދުވެސް އިސްކަން ދިނުން އޮތުމަކީ ގައުމެއްގެ ސިފައިގައި އެގައުމުގެ މުއްސަނދިކަން ދައްކުވައިދޭ ކަމަކަށް ވާނެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތް / ސަން ފޮޓޯ: ނާއިލް ހުސެއިން
އެ މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ މި މުބާރާތުގެ ސާނަވީ އަދި ދަށުސާނަވީ ގިންތީގެ ބައި މިހާރު ނިންމާލާފައިވާ ކަމަށާއި، މިއަދު ކުރިއަށް ދިޔަ މަތީ ސާނަވީ ގިންތީގެ ދެވަނަ ދަންފަޅީގައި މާލެ އާއި ރަށްރަށުގެ ހަ ސްކޫލެއް ބައިވެރިވެފައިވާ ކަމަށެވެ.
މި މުބާރާތުގެ ދަށު ސާނަވީ އާއި ސާނަވީ އަދި މަތީ ސާނަވީގައިވެސް އަތޮޅުތެރޭގެ ގިނަ އަދަދެއްގެ ސްކޫލްތަކުން ބައިވެރިވެފައިވާކަން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ.
ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތް / ސަން ފޮޓޯ: ނާއިލް ހުސެއިން
އެންމެ ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ ބޮޑު ޚަރަދެއް ކޮށް އެކުދިން ގޮވައިގެން މާލެ އައިސް އެހާ ދަތީގައި ތިބެ މިފަދަ ގައުމީ މުބާރާތެއްގައި އެކުދިން ވާދަކުރާކަން. އެއީ މުބާރާތަށްވެސް ލިބޭ ފުރިހަމަ ކަމެއް. ރީތި ކަމެއް. އަދި ބަހަށް އޮތް ލޯބި ހާމަވާ ކަމެއް. ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް
މި އަހަރުގެ ގައުމީ މުބާރާތުގައި ސްކޫލުތަކުގެ ބައިން ޖުމުލަ 32 ސްކޫލެއް ބައިވެރިވެފައިވެއެވެ. އެއީ މާލޭގެ 19 ސްކޫލަކާއި، އަތޮޅު ތެރޭގެ އެކި ރަށްރަށުން 13 ސްކޫލެކެވެ. ޖުމުލަ 363 ދަރިވަރުން ސްކޫލުތަކުގެ ބައިން ވާދަކުރެއެވެ.
މި ސްކޫލުތަކުން ދަށު ސާނަވީ ގިންތިން ބައިވެރިވެފައިވަނީ 169 ދަރިވަރުންނެވެ. ސާނަވީ ގިންތިން 155 ދަރިވަރުން ބައިވެރިވާއިރު، މަތީ ސާނަވީ ގިންތިން 36 ކުދިން މުބާރާތުގައި ވާދަކުރާނެއެވެ.
ޖުމްލަ 411 ބައިވެރިން މި ފަހަރުގެ ގައުމީ މުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ.
މި މުބާރާތް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާއިރު، އަމިއްލަ ކްލަބް / ޖަމިއްޔާތަކުގެ ބަހުސްގެ ފައިނަލްވެސް މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.