ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ބައްދަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބްލައިންޑް އެސޯސިއޭޝަނުން ފާހަގަކުރި ކަންކަން ކުރުމަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެ ބޭފުޅުން އެބަ ފާހަގަކޮށްދެއްވާ އެ ކަން [މީހެއްގެ އެހީއާ ނުލާ ވޯޓު ލެވޭނެ] ކުރެވެން އޮތް ވަރަށް ފަސޭހަ ގޮތެއް ވެސް. އަޅުގަނޑަށް ފެންނަ ތަނުގައި މިކަން އަޅުގަނޑުމެން ނުކުރާންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.
އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަމުން އަބްދުﷲ ޒިޔާއު ވިދާޅުވީ މިހާރު އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ލޯފަން މީހުންނަށް ޖެހެނީ ކޮންމެ ވެސް މީހެއްގެ އެހީތެރިކަމާ އެކު ވޯޓުލާން ކަމަށާއި އެ ކަމުގެ ސަބަބުން މައްސަލަތައް ދިމާވާ ކަމަށެވެ.
"އެހެން ބޭފުޅަކާ އެކު ވޯޓުލާން ޖެހުނީމާ އަޅުގަނޑުމެންނަކަށް ސިއްރު ވޯޓެއް ނުއެއް ލެވޭ، ގޭތެރެއިން މި އޮންނަނީ އެ ވޯޓު ދޭންވީ ގޮތް ކަނޑައަޅައި ނިންމާފައި. މި ޒަމާނަކީ އަނބިމީހާ، ފިރިމީހާއަށް ވެސް އިތުބާރު ކުރަން ވެސް ވަރަށް އުނދަގޫ ޒަމާން،" އޭނާ ވިދާޅުވިއެވެ.
ލޯފަން މީހުންނަށް ސިއްރު ވޯޓުލާން ވޯޓު ކަރުދާހަށް ބަދަލެއް ގެންނާކަށް ނުޖެހެއެވެ. އެ އެސޯސިއޭޝަނުން ހުށަހެޅި އީޖާދުގައި ވަނީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ ޝީޓެކެވެ. ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންނާ ދިމާލުގައި ފާހަގަ ޖަހަންވީ ތަން އެ ޝީޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެފަދަ ޝީޓެއް ކޮންމެ ފޮއްޓެއް ކައިރި ބޭއްވުމަށް މާބޮޑު ހަރަދެއް ނުދާނެ ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް ސިއްރުކަން ކަށަވަރު ކުރެވޭނެ ނިޒާމެއްގެ ތެރެއިން ވޯޓު ލެވޭނެ ގޮތް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެ އެސޯސިއޭޝަންގެ ފަރާތުން ބުންޏެވެ.