ކުރިން ހުރީ ބޯޅަ ހޮވަން، މިހާރު އެއީ ތަރިއެއް

މި ހަފުތާގައި ނިމިގެން ދިޔަ ފޯ ނޭޝަންސް މުބާރާތުގެ ސެމީ ފައިނަލް މެޗަށް ފަހުގައި ކުޅުންތެރިން ޝަމްހާ އުރާލައިގެން---

"ކުޑައިރު މީހުން ވޮލީ ކުޅޭއިރު ބޯޅަ ހޮވަން ހުރީ، އެ ތަނުން އަސްލު ވޮލީ ކުޅޭ ހިތްވީ. އެ ދުވަހު ވެސް އެންމެ ބޭނުންވީ ގައުމީ ފެންވަރުގައި ވޮލީ ކުޅެން،"

މިއީ ގައުމީ ވޮލީ ބޯޅަ ޓީމަށް ކުޅެމުން އަންނަ 20 އަހަރުގެ ސްޕައިކަރު، ފާތިމަތު ޝަމްހާ، ސިޔަރަތު، ރ. އުނގޫފާރުގެ ވާހަކައެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ޝަމްހާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ އިދާރާގައެވެ.

އެކަމަކު، ޝަމްހާ ހާއްސަ ވަނީ ފުލުހެއްގެ ގޮތުގައެއް ނޫނެވެ. އޭނާ އަކީ ވޮލީ ބޯޅައިގެ ދުނިޔޭގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރިއެކެވެ. މިއީ އޭނާ ތަރިއަކަށް ފައްކާވެގެން އައި ގޮތުގެ ވާހަކައެވެ.

މިދިޔަ 2021ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ޝަމްހާ އެންމެ ބޮޑަށް އާންމުންގެ ސަމާލުކަމަށް އައީ މި ފަހަރު ބޭއްވި ފޯ ނޭޝަންސް ކަޕުގައި ދެއްކި ތަފާތު ކުޅުމާ އެކީއެވެ. އެ މުބާރާތުގައި، ހާއްސަކޮށް، ފައިނަލަށް ރާއްޖެ ގެންގޮސްދިން މެޗުގައި ޝްމަހާ ދެއްކީ ގަދަ ހިތްވަރެވެ. މުޅި މެޗު، ރާއްޖެ ކޮޅަށް އަނބުރާލީ އޭނާއެވެ.

އެކަމަކު، އޭގެ ކުރިން އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ޝަމްހާ ވޮލީ ކުޅެމުން އައިއިރު އެ ކުޅުން ފެނުނު މީހުންނަށް ހަމަ ގައިމު ވެސް އޭނާގެ ހުނަރުވެރިކަން އެނގުނީ މި އަހަރުގެ މުބާރާތަކުން ނޫނެވެ. އެންމެ ފުރަތަމަ، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުޅެމުން އައި އިރު ވެސް ޝަމްހާއަކީ މޮޅު ކުޅުންތެރިއެކެވެ. ކުޅަދާނަ ތަރިއެކެވެ.

"މުސްތަގުބަލުގައި ވަރަށް މޮޅު ކުޅުންތެރިއަކަށް ވާނެ"

ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ޝަމްހާ ސިފަ ކުރީ ވަރަށް ކުރިމަގު އުޖާލާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ބުނި ގޮތުގައި ޝަމްހާއަކީ ކުޅުމާއި އެއްވަރަށް މަސައްކަތް ކޮށް، ކުޅިވަރުގެ ޑިސިޕްލިން ވެސް ހިފަހައްޓާ ކުޅުންތެރިއެކެވެ.

ފޯ ނޭޝަންސް މުބާރާތުގެ ތެރެއިން ޝަމްހާ-- ފޮޓޯ/ މުހައްމަދު ޝާބިން (އަދަދު)

"މިހާރު ހުރި ވިސްނުމުގައި ކުރިއަށް ދިޔައީމާ އިރާދަކުރެއްވިއްޔާ [ޝަމްހާ އަކީ] ވަރަށް މޮޅު ކުޅުންތެރިއަކަށް ވެގެންދާނެ." އޭނާ ބުންޏެވެ

"ޓްރެއިނިންތަކުގައި އެންމެ ރަނގަޅަށް އެފަޓް ލައި އެކަކު ޝަމްހާ އަކީ، ދެން ވަރަށް ޑިސިޕްލިން ވެސް ރަނގަޅު، ވަރަށް މަސައްކަތު ރޭޓު ވެސް ރަނގަޅު. ކުޅުމާ ދޭތެރޭގައި ކިޔައިދޭ އެއްޗިއްސާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި، ކަނުލާ އަޑުއަހާ ވަރަށް ބޮޑަށް އިމްޕްރޫވް ކުރަން މަސައްކަތް ކުރާތަން ފެނޭ."

ބޮޑޭ ބުނި ގޮތުގައި މިހާރު އެ ހުރި ހިތްވަރާ އެކު ޝަމްހާއަށް ގައުމީ ފެންވަރުގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓަށް އެރޭނެއެވެ.

ހާއްސަކޮށް މި އަހަރުގެ މުބާރާތުގައި ޝަމްހާ ދެއްކި މޮޅު ކުޅުމަކީ ފަރިތަކުރުންތަކުގައި ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ. އޭނާ ސިފަކުރި ގޮތުގައި ޝަމްހާ އަކީ ވަކި ކަމެއް ކުރަން ހަވާލުކުރުމުން ވަރަށް އިތުބާރާ އެކު އެ ކަމެއް ކޮށް ނިންމާލާ ފުރިހަމަ ކުޅުންތެރިއެކެވެ.

ކެޕްޝަން.. މިދިޔަ ހަފުތާގައި ނިމިގެންދިޔަ ފޯ ނޭޝަންސް ކަޕްގެ ތެރެއިން ޝަމްހާ --- ފޮޓޯ/ މުހައްމަދު ޝާބިން (އަދަދު)

"ބުނާ ޓާސްކް ފުރިހަމަ ކޮށްދޭން ވަރަށް މަސައްކަތް ކޮށްފައި އެބަހުރި، އެ ޓާސްކް ފުރިހަމަ ކުރަން. އޭގެ ހެއްކެއް، އޭނަ [ޝަމްހާ] ދޭތެރެއަކުން އަޅުގަނޑުމެން ބޭނުންވާ ކަންކަން ކޮށްލަން އަރުވާލީމައި ފެނިގެން އެ ދަނީ ހަމަ އެ ކަމަށް އޭނަ ކޮންސެންޓްރޭޓް ކޮށްފައި ހުރިވަރު." އޭނާ ބުންޏެވެ.

"މީހުންގެ ވަކިތަކުން ނެއްޓި، ތިމާ މޮޅުވާން މަސައްކަތް ކޮށްފިއްޔާމުން ހަމަ ފިއުޗާގައި އޭނަ [ޝަމްހާ] އަކީ ހަމަ ރާއްޖޭގައި މޮޅަށް ކުޅޭނެ މީހެއް."

އިތުރު ކަމެއް ނޫން، ބޭނުމީ ރަން މެޑަލް

ޝަމްހާގެ ވޮލީ ކެރިއާގައި އެންމެ ބޮޑު ކާމިޔާބެއް ލިބިގެންދިޔައީ 2021ވަނަ އަހަރެވެ. އެ އަހަރު އޭނާ މާލެ ބަދަލުވެ، ގައުމީ ޔުނިވާސިޓީގެ ޓީމަށް ކުޅެން ފަށައި ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. އެއީ، ފެށިގެން އައި ހިސާބެވެ.

"ފުރަތަމަ ކުޅުނީ ޔުނިވާސިޓީގައި. ފަހުން ޕޮލިސް ކްލަބަށް ވެސް ކުޅެފައި ހަމަ އެ އަހަރު ގައުމީ ޓީމަށް އެރީ." ޝަމްހާ ކިޔައިދިނެވެ.

އޭނާ ވަނީ އެންމެ ފަހުން، 2021ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭން ވާދަކުރި ޓީމުގައި ހިމެނި މޮޅު ކުޅުމެއް އެ މުބާރާތުގައި ވެސް ދައްކައިފައެވެ. އެއީ، އުމުރުން 15 އަހަރުގައި ވޮލީ ކުޅެން ފެށި ޝަމްހާ އޭރު ވެސް ދެކެމުން އައި ހުވަފެނެވެ.

އަތޮޅު ތެރޭ މުބާރާތެއްގައި ޝަމްހާ--

ކުޑައިރު ވެސް އެންމެ ކުރިއަށް ދާން ބޭނުންވީ ކުޅިވަރުގެ ރޮނގުންނެވެ. ވަކި ކުޅިވަރަކަށް ހާއްސަ ނުވި ނަމަވެސް ކުޅިވަރަށް އަބަދުވެސް ޝަމްހާ ފޯރި ހުރެއެވެ. ވޮލީ ކުޅެން ފަށައި، އެ ކުޅިވަރުގައި މިހާރު އެ ހުރި ހިސާބަށް އައީ ވެސް ކުރަން ބޭނުންވާތީ، ކުރާ ހިތުން އެ ކަން ކޮށްގެނެވެ. ޝަމްހާގެ ކާމިޔާބީގެ ފަހަތުގައި އޮތީ އެ ސިއްރެވެ.

"ވޮލީ ކުޅެނީ ވަރަށް ކުޅޭ ހިތުން، މި ކަން ކުރަން ފެށީ ވެސް ހަމަ ކުޅޭ ހިތްވާތީ." ވަރަށް ކުރުކޮށް އޭނާ ވޮލީ ކުޅޭ ސަބަބު ސާފު ކޮށްދެމުން ޝަމްހާ ކިޔައިދިނެވެ.

"އޭރު އެންމެ ފުރަތަމަ މީހުން ރަށުގައި ވޮލީ ކުޅުނު އިރު، ބޯޅަ ހޮވަން ހުރީ. އެތާ ބޯޅަ ހޮވަން ހުރެގެން ވެސް ނޭނގޭއިރު ވެސް އަމިއްލައަށް ކުޅެގެން ދަސްކުރީ، އެއީ އަސްލު އެންމެ ފުރަތަމަ ވޮލީއަށް ޝައުގުވެރިވީ ގޮތަކީ. އެ ހިސާބުން ފެށިގެން ވޮލީ ކުޅެން ފެށީ."

ވޮލީގެ ދުނިޔެއަށް ޝަމްހާ އަލެއް ނޫނެވެ. އޭނާ ބޭނުން ވަނީ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)އާ އެއް ފެންވަރެއްގައި ވޮލީ ކުޅޭށެވެ. ގައުމީ ފެންވަރުގައި އޭނާގެ ނަން ފަވައިލާށެވެ. މި އަހަރުގެ މުބާރާތުން ލިބުނު ރިހި މެޑަލް ބޮޑު ކާމިޔާބަކަށް ވީ ނަމަވެސް ޝަމްހާގެ އަޒުމާއި އުންމީދަކީ ގައުމަށް ރަން މެޑަލް ހޯދުމެވެ. ބޯޅަ ހޮވަން ހުރި ޝަމްހާއަކީ މިއަދު ތަރިއެކެވެ.

comment ކޮމެންޓް