ރާމަﷲ (28 ފެބްރުއަރީ 2023): ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވައިދާ ޚިލާފަށް ވަޒަންވެރިކުރުވާފައިވާ ޔަހޫދީން ފަލަސްތީނު ރައްޔިތުންގެ ގެދޮރާއި މުދަލާއި ފިހާރަތަކާއި އުޅަނދުތަކަށް ގެއްލުންދީ އެތަންތަނުގައި ހުޅުޖަހައި، ފަލަސްތީނުގެ އާންމުންނަށް ބަޑިން ހަމަލާދީ 100 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައިފިއެވެ.
ފަލަސްތީނު ސަރުކާރާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންގެ މި އަމަލު ސިފަކޮށްފައިވަނީ އިސްރާއީލުގެ ސަރުކާރު އަޑީގައި އޮވެގެން ވަޒަންވެރިން ލައްވައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައެވެ.
ޔަހޫދީ ވަޒަންވެރިން ހިންގާ ޓެރަރިޒަމްގެ މިއަމަލުތަކުގައި 400 އަށްވުރެ ގިނަމީހުން ބައިވެރިވެފައިވާއިރު އެކަން ހުއްޓުވުމަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އިސްރާއީލުގެ ފުލުހުންނާއި ސިފައިން ވަނީ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ މި އަމަލުތަކަށް ހިތްވަރުދީ އޭގައި ބައިވެރިވެ ފަލަސްތީނު ރައްޔިތުންނަށް ބަޑިން ހަމަލާވެސް ދީފައެވެ.
އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހަމަނުޖެހުންތަކާއި ތަޅާފޮޅުންތަކާއި ޔަހޫދީންގެ ޓެރަރިޒަމްގެ އަމަލުތައް ބޮޑުވެފައިމިވަނީ ފާއިތުވި ދެ ހަފުތާ ތެރޭގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ދެ ސިޓީއަކަށް އަރައި ފަލަސްތީނުގެ 21 މީހުން ޝަހީދުކޮށްލައި 202 ވަރަކަށް މީހުން ޒަޚަމްކޮށްލުމާ ގުޅިގެންނެވެ.

ޔަހޫދީން އަންދާލާފައިވާ ފަލަސްތީނުގެ ކާރުތަކެއް
އިސްރާއީލު ސިފައިން ފުރަތަމަ އެރީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއަށެވެ. އެސިޓީގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށް 100 މީހުން ޒަޚަމްކޮށްލިއެވެ. އެއަށްފަހު މިދިޔަ އާދީއްތަ ދުވަހު އިސްރާއީލު ސިފައިން އަރައިގަތީ ހުޅަނގު އައްސޭރީގެ ނާބްލްސް އަށެވެ. ނާބްލްސްގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 11 މީހުން ޝަހީދުކޮށްލައި 102 މީހުން ޒަޚަމްކޮށްލިއެވެ.
މިޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ ވަކިވަކި ފަރުދުން އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނަށް އަމާޒުކޮށް ފާއިތުވި ދެ ހަފުތާ ތެރޭގައި ދިން ހަމަލާތަކުގައި ވަޒަންވެރިންގެ 13 މީހުން މަރުވެ އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ.
އަނެއްކޮޅުން އިސްރާއީލު ސަރުކާރުން ގެންދަނީ އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ޖިހާދު ކުރާ ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުންވެސް ހައްޔަރު ކުރަމުންނެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި އަނިޔާތަކާއި ޖަރީމާތައް އާދަޔާ ޚިލާފަށް އިތުރުވެފައި މިވަނީ އިސްރާއީލުގައި މިހާރު ވެރިކަން ކުރާ ޔަހޫދީ ހަރުކަށި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޒައާމަތުގައި އެކުލަވާލާފައިވާ ޔަހޫދީ ދީނީ ހަރުކަށި ޖަމާއަތްތައް ހިމެނޭ ސަރުކާރުން ގެންދަނީ ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ހަމަޖައްސައި ފަލަސްތީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް ގޮވާލަމުންނެވެ.
ފާއިތުވި ދެ މަސްތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ 63 މީހަކު ޝަހީދުކޮށް 400 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށް ފަލަސްތީނުގެ އާއިލާތައް ދިރިއުޅޭ އެތައް ގެއެއް ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލާފައެވެ. އަދި މި ދެ މަސްތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.