ޔޯގާ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން މަހުލޫފް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް، ރާއްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހާޒިކުރަން އެޖެންޑާކޮށްފިއެވެ.

މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ޔޫތު މިނިސްޓްރީން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވާފައެވެ.

އެކަމާ ގުޅިގެން ދީނީ އިލްމުވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު އޭރު ހައްޔަރުކުރިއިރު، ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ބުނެ ގިނަ އިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް އެންގި ސިޓީއެއް އެދުވަސްވަރު އާންމުވިއެވެ. ނަމަވެސް މިނިސްޓްރީންވެސް އަދި ދައުލަތުގެ އެއްވެސް އިދާރާއަކުންވެސް އެހެން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން އޭރު ބުނެފައިވެއެވެ.

އެދުވަހު އެތަކެއް ޒުވާނުންތަކެއް އެތަނުގައި މުޒާހަރާ ކުރާނެކަން މިނިސްޓަރު މަހުލޫފްއަށް އެނގިވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް، މެމްބަރުގެ ސުވާލުގައި ވަނީ އެކަން އެނގިހުރެ އެތަނަށް ބޭރުގެ ޑިޕްލޮމެޓުން ގެނައީ ކޮން ބޭނުމަކުތޯ އައްސަވާފައެވެ. އަދި އެ ހަރަކާތަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދަށް ފުށުއަރާ ހަރަކާތެއް ކަމަށްވެސް މެމްބަރުގެ ސުވާލުގައިވެއެވެ.

ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެތެރެއިން މިފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެތެރޭގައި ހިމަނާފައިވާ ކަމަކަށްވާތީ، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީތަކުން ބައިވެރިވާ އުސޫލުގެ ދަށުން ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ ކުރިންވެސް މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވާފައެވެ. އެގޮތުން، އެކަމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށާއި، ޔޯގާ ދުވަހަކީ އެމްޑީޕީ އާއި ޕީޕީއެމްގެ ވެރިކަމުގައިވެސް ފާހަގަކޮށްފައިވާ ދުވަހެއް ކަމުން މިހާރު އެކަން ގޯސްވެގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔަކަށް އޮޅުވާލައިގެން ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށްވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް