ތިލަފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

ސިނާއީ މަސައްކަތްތަކުގެ ހަބެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ތިލަފުށީގެ ދެވަނަ ފޭސްއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ފެށިކަން ހާމަކުރެއްވީ، އެސްއޯއީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ޝާތިރެވެ. އޭނާ ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ޑްރެޖަރު އައިސް ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ތިލަފުށި ބޮޑުކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެޗްޑީސީން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ހަވާލުކުރީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާއެވެ. މި ކުންފުންޏަކީ ބްރިޖު އެޅުމުގެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުނީގެ ގޮތްޕެކެވެ.

މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ކުނިން ހިއްކައިފައިވާ 120 ހެކްޓަރުގެ ބިމަށް، 151 ހެކްޓަރުގެ ބިން ހިއްކައި އިތުރު ކުރާނެއެވެ. އެޗްޑީސީން ބުނީ މި މަސައްކަތް އެއްކޮށް ނިމޭނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.

ތިލަފުށި ހިއްކަން ނިންމާފައިވަނީ ތިން ބަޔަކަށް ކަމަށްވާއިރު، ފުރަތަމަ ބައިގައި 40 ހެކްޓަރުގެ ބިމެވެ. މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން އަންދާޒާކުރެއެވެ.

ތިލަފުށި ތަރައްގީކުރާއިރު އެކި ބާވަތުގެ ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށްގެން ސަރަހައްދުތައް ކަނޑައަޅާނެއެެވެ. އެގޮތުން ހެވީ އިންޑަސްޓްރިއަލްއަށް ޚާއްސަ ސަރަހައްދަކާއި، ގުދަންކުރުމަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އޮފީސް އިމާރާތްތައް
  • ސްޓާފުންނަށް ލޭބާ ވިލޭޖަކާއި ރިކްރިއޭޝަނަށް ޚާއްސަ ސަރަހައްދެއް
  • ގުދަންތައް ހިމެނޭ ސަރަހައްދެއް
  • ތެޔޮ ރައްކާކުރަން ޚާއްސަ ފާމެއް
  • ޕަވާ ޕްލާންޓެއް

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް ނިމުމުން މާލޭގައި ސިނާއީ މަސައްކަތްތައް ކުރުން އެއްކޮށް ހައްލުކޮށް ނިމުމަކަށް ގެނެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ.

https://sun.mv/172201

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ވިޔަފާރިއަށް ޚާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް