ތިލަފުށީ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ، އަންނަ މަހު ބިން ހިއްކަން ފަށާނެ: އެޗްޑީސީ

ތިލަފުށީ ދެވަނަ ފިޔަވަހީގެ މޮޑެލްއެއް -- ސަން ފޮޓޯ/ މުހައްްމަދު ޝާތިއު

ސިނާއީ މަސައްކަތްތަކުގެ ހަބެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފައިވާ ތިލަފުށީގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަންނަ މަހު، ތިލަފުށިން ބިން ހިއްކަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ މި މަޝްރޫގެ ދަށުން ތިލަފުށީގައި މިހާރު ކުނިން ހިއްކައިފައިވާ 120 ހެކްޓަރުގެ ބިމަށް، 151 ހެކްޓަރުގެ ބިން ހިއްކައި އިތުރުކުރާނެ ކަމަށެވެ. އަދި އެއީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކަމަށް އެޗްޑީސީއިން ބުންޏެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖާ އިންޑަސްޓްރިއަލް މުޙައްމަދު ޝާމިން ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ޗައިނާގެ ހާބާ ކުންފުންޏާ، ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މޮބިލައިޒްކޮށް އަންނަ މަހު މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ތިލަފުށި ހިއްކަން ނިންމާފައިވަނީ ތިން ބަޔަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ބައިގައި 40 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު ފުރަތަމަ ބައިގެ ބިން ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށެވެ. އަދި އެ ބިންތައް ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިލަފުށި ތަރައްގީކުރާއިރު އެކި ބާވަތުގެ ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށްގެން ސަރަހައްދުތައް ކަނޑައަޅާނެއެެވެ. އެގޮތުން ހެވީ އިންޑަސްޓްރިއަލްއަށް ޚާއްސަ ސަރަހައްދަކާއި، ގުދަންކުރުމަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އޮފީސް އިމާރާތްތައް
  • ސްޓާފުންނަށް ލޭބާ ވިލޭޖަކާއި ރިކްރިއޭޝަނަށް ޚާއްސަ ސަރަހައްދެއް
  • ގުދަންތައް ހިމެނޭ ސަރަހައްދެއް
  • ތެޔޮ ރައްކާކުރަން ޚާއްސަ ފާމެއް
  • ޕަވާ ޕްލާންޓެއް

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް ނިމުމުން މާލޭގައި ސިނާއީ މަސައްކަތްތައް ކުރުން އެއްކޮށް ހައްލުކޮށް ނިމުމަކަށް ގެނެވޭނެކަމަށް އެޗްޑީސީއިން ބުންޏެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ވިޔަފާރިއަށް ޚާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް