ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ގއ. ނިލަންދޫ ބަލިކޮށް އެއަތޮޅު މާމެންދޫން ޒޯން ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ރޭ ހުޅުމާލެ ރެހެނދި ޓާފުގައި ކުޅުނު ޒޯން ހައެއްގެ އެ މެޗު މާމެންދޫން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި މާމެންދޫގެ ދެ ގޯލު ޖެހީ ރައުހާން ރިއްފަތާއި މުސީފް އަބްދުލް ޣަފޫރެވެ. އަދި މެޗުގައި ނިލިންދޫން ޖެހި ހަމައެކަނި ގޯލު ޖެހީ އަލީ ޝާހިލް މުހައްމަދެވެ.
އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ.
އެ ގްރޫޕްގެ ކުޅުން ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލެއް ކުޅެ ޒޯންގެ ޗެމްޕިއަންކަން ހޮވޭނެއެވެ.
މާމެންދޫ ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ގްރޫޕްގައި ހިމެނޭ ލ. ގަމާއި ގަމާއި ގދ. ވާދޫގެ ކުރިމަތިލުން ރޭ ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.