ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ލ. ގަމާއި ގދ. ވާދޫގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ޒޯން ހައެއްގެ އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގައި ވާދޫގެ ގޯލުތައް ޖެހީ މުސައްނިފް މުހައްމަދާއި، އަރުގަމް އިބްރާހީމެވެ. އަދި ގަމުގެ ގޯލުތައް ޖެހީ ހުސައިން ޝަރީފްއާއި އަލީ ޝާމިސްއެވެ.
އަތޮޅު ފައިނަލްގައި ކުޅުނު ޓީމުތައް އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ޒޯން ހައެއްގައި ހިމެނެނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. އެ ގްރޫޕްގެ ކުޅުން ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލެއް ކުޅެ ޒޯންގެ ޗެމްޕިއަންކަން ހޮވޭނެއެވެ.

ގަމާއި ވާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
ރޭ ވަނީ އެ ގްރޫޕްގައި ހިމެނޭ ނިލަންދޫއާއި މާމެންދޫ ވެސް ކުޅެފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިލަންދޫއިންނެވެ. އެހެންކަމުން މާމެންދޫ ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.