ބުރުނީގައި ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް

ތ. ބުރުނީ -----

ތ. ބުރުނީގައި އެކްސްކަވޭޓަރަކުން ރުއްތަކެއް އެއްކައިރިއަށް ޖެއްސުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ރުކަކުން ޖެހި މީހަކު މަރުވެ، އިތުރު ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިިއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:30 އާއި 5:00އާ ދޭތެރޭގެ ވަގުތެއްގައެވެ.

ބުރުނީ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ސައްދާމް މިރޭ "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ގެއެއްގެ ރުއްތަކެއް ނަގައި އެ ރުއްތައް އެއް ކައިރިއަކަށް ޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"އެ ރުއްތައް އެއް ކައިރިއަށް ޖެއްސުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ތެރެއިން ރުކެއް ކައްސާލައިގެން ގޮސް އެތާ ކައިރީގައި ތިބި މީހުން މީހުން ގައިގައި ޖެހުނީ، އެ އެންމެންނަކީ ވެސް މަސައްކަތް ކުރި ސަރަހައްދުގައި އުޅުނު މީހުން," އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެކަކު މަރުވެފައިވާއިރު އިތުރު ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މިހާރު ދަނީ، ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ހަތަރު މީހުންނަކީ ވެސް ބިދޭސީންނެވެ.

ހާދިސާގައި އަނިޔާ ލިބުނު ތިން މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ސީދާ ލިބިފައި ވަނީ ކޮން އަނިޔާއެއް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

comment ކޮމެންޓް