''ދަމާސްގެ ލޭ ހަދިޔާ ކުރާ ކޭމްޕް ކާމިޔާބު''

ދަމާސްގެ ބްލަޑް ޑޮނޭޝަން ކޭމްޕްގައި މީހަކު ލޭ ދެނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ދަމާސް އިން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ކުރިއަށް ގެންދާ "ދަމާސް ބްލަޑް ޑޮނޭޝަން ކޭމްޕް"ގެ މި އަހަރުގެ ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މިކަމާ ގުޅިގެން އެ ކުންފުނީގެ އެޗްއާރް އެންޑް އެޑްމިން ޑިރެކްޓަރު އަބްދުﷲ އާދަމް "ސަން" އަށް ވިދާޅުވީ އެ ކޭމްޕަކީ ވަރަށް ވެސް ކާމިޔާބު ކޭމްޕެއް ކަމަށެވެ. އަދި އެ ކޭމްޕުގެ ސަބަބުން ލޭ ބޭނުންވާ އެކި ފަރާތްތަކަށް އެހީތެރިކަން ލިބުމަކީ، ދަމާސްއަށް އެ ކޭމްޕުގެ ސަބަބުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކޭމްޕް ކުރިއަށް ގެންދާތާ މިއީ 12 ވަނަ އަހަރު. އެންމެ ބޮޑު މަޤްސަދަކީ އަހަރަކަށް ވުރެ އަހަރެއް މި ކޭމްޕަށް ޑޮނޭޓްކުރާ ފަރާތްތައް އިތުރުކޮށް، އަޅުގަނޑުމެންގެ ސަބަބުން ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

ދަމާސްގެ ބްލަޑް ޑޮނޭޝަން ކޭމްޕްގައި މީހަކު ލޭ ދިނުމުން ސެޓިފިކެޓު ހަވާލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"ސަން" އާ ވާހަކަދައްކަމުން މި ހަރަކާތް ކުރިއަށްގެންދާ ތަލެސީމިއާ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ދަމާސް އިން ކޮންމެ އަހަރަކު މި ކޭމްޕް ކުރިއަށްގެންދާ ކަމަށްޓަކައި ދަމާސްއަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ދަމާސްގެ މި ކޭމްޕުގެ ސަބަބުން އެތަކެއް ބައެއްގެ ބޭފުޅަކަށް ލޭ ލިބޭ. އެއީ އަސްލު ލިބޭ އެންމެ ބޮޑު އުފަލަކީ،" އޭނާ ވިދާޅުވިއެވެ.

ދަމާސްގެ މި އަހަރުގެ ކޭމްޕުގައި 15 އަށް ވުރެ ގިނަ މީހުން ވަނީ ލޭ ހަދިޔާކޮށްފައެވެ. ކޮންމެ އަހަރަކު ވެސް މި ކޭމްޕް ކުރިއަށް ގެންދިޔުމަކީ ދަމާސްގެ އުންމީދުކަމުގައި އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް