ލޭ ހަދިޔާކުރުމަށް ހޭލުންތެރިކުރަން "ލޭގެ ސަދަޤާތް" މަދަހަ މިއަދު ރިލީޒްކޮށްފިއެވެ.
މި މަދަހަ ރިޒީލްކޮށްފައި ވަނީ، ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމުގެ ތެރެއިންނެވެ.
ލޭ އެޕުގެ އިސްނެގުމަށް ނެރުނު މި މަދަހައަކީ "އިސްލާމިކް ރިދަމް"ގެ އުފެއްދުމެއް ކަަމަށް ވާއިރު، މި މަސައްކަތުގައި އެހީ ޖަމިއްޔާ ވެސް ބައިވެރިވިއެވެ.
މި މަދަހައިގައި ދައްކައި ދެނީ، ތެލަސީމިއާ ކުއްޖަކަށް ލޭ ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ. އަދި އެތައް މަސައްކަތެއް ކޮށްގެން އެ ބައްޕައަށް ލޭ ލިބެނީ، ލޭ އެޕުގެ ޒަރިއްޔާއިންނެވެ.
މި މަދަހައިގެ މަންޒަރުތަކުން މާނަ ފުން އެތައް ވާހަކަތަކެއް ބެލުންތެރީންނަށް ދައްކައިދީފައި ހުރީ ވަރަށް އަސަރުގަދަކޮށެވެ. މައިގަނޑު ގޮތެއްގައި މި މަދަހައިން ދައްކުވައިދެނީ ލޭ ހަދިޔާކުރުމުގެ މުހިންމު ކަމާއި އެއީ ތެލަސީމިއާ ކުދިންނަށް ކިހާ އަގުހުރި އެއްޗެއް ކަމެވެ.
މި މަދަހަ ކިޔާފައިވަނީ މޫސާ ޝިފާއު ކަމަށްވާއިރު، ޅެން ހަދާފައި ވަނީ އީސާ ޝަރީފެވެ. އަދި ވީޑިއޯ ޕްރޮޑަކްޝަން ހަދާފައި ވަނީ "އޯކޭޒް އިންކް" އެވެ.
ފާހަގަކުރެވޭ ގޮތުގައި، ލޭ ނުލިބުމުގެ މައްސަލަ ބޮޑުއިރު، ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމަށް ބުރަ މަސައްކަތެއް އާންމުކޮށް ކުރަން ޖެހެއެވެ. އަދި، އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ މީހުން މަދުކަން އެ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
އިސްލާމިކް ރިދަމްގެ ބައެއް މަދަހަތަކަށް މީގެ ކުރިން ވެސް ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބުނެވެ. އޭގެތެރޭގައި، 'ރޮއްވާފައި ލޯތައް' ހިމެނެއެވެ.