ޔޫކްރެއިންގެ ސުލްހައިގެ ޕްލޭނަށް އެމެެރިކާ ދެކޮޅު ހަދައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ވޮޝިންޓަން (26 ފެބްރުއަރީ 2023) : ޔޫކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޗައިނާ ފަށާފައިވާ މަސައްކަތްތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކޮޅު ހައްދަވައިފިއެވެ.

ޗައިނާގެ ސުލްހައިގެ ޕްލޭނާބެހޭގޮތުން ދެއްވިބަޔާނެއްގައި ބައިޑެން ވިދާޅުވީ ޔޫކްރެއިންއާއި ރަޝިއާ ސުލްހަކުރުވުމަށް ޗައިނާ އިސްނެގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ބައިޑެން ވިދާޅުވިގޮތުގައި ޗައިނާގެ ޕްލޭނަކީ ރަޝިއާގެ ރައީސް ވަލްދިމީރު ޕޫޓިން ތާއީދުކުރައްވާ ޕްލޭނެކެވެ. ޕޫޓިން ރުހިވަޑައިގަންނަވާ ޕްލޭނަކުން ޔުކްރެއިންގެ މައްސަލަ ހައްލުވެދާނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވިގޮތުގައި އެމެރިކާ މިހާރު ވަނީ ޗައިނާ ހުށަހަޅަން ގަސްދުކުރާ ސުލްހައިގެ ޕްލޭން ދިރާސާކޮށްފައެވެ. އެ ޕްލޭން ބިނާކޮށްފައިވަނީ ރަޝިޔާއަށް ފައިދާވާނެ ގޮތަށް ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަަމަށް ބައިޑެން ވިދާޅުވިއެވެ. އެމެރިކާއަކީ ޔޫކްރެއިނާއި ރަޝިއާއާ ދެމެދުގައިވާ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރަން ދެކޮޅުހަދާ ގައުމެކެވެ.

އެމެރިކާ މަސައްކަތް ކުރަނީ ޔޫކްރެއިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ބަދަލުގައި ޔޫކްރެއިނަށް ހަތިޔާރާއީ އެ ނޫން ވެސް އެހީތައް ފޯރުކޮށްދީގެންނާ އަދި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ރަޝިއާ ބަލިކުރުމަށެވެ. އަސްކަރީ ގޮތުން ބަލިނުކުރެވިއްޖެނަމަ އިގްތިސާދީގޮތުން ރަޝިއާ އިނދަޖައްސާލުމަށެވެ.

ނަމަވެސް އިގްތިސާދީ ގޮތުން ވެސް އަދި އަސްކަރީ ގޮތުން ވެސް ރަޝިއާ ބަލިކުރުމަކީ ކުރެވިދާނެ ކަމެއްކަމާމެދު އެމެރިކާއަށް މިހާރު ވަނީ ޝައްކު ކުރެވިފައެވެ.

ޔޫކްރެއިންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރަން ރަޝިއާ ހުށަހަޅާ ޕްލޭން ބިނާކޮށްފައިވަނީ ރަޝިއާވެސް އަދި ޔޫކްރެއިން ވެސް ދޫދިނުމުގެ މައްޗަށެވެ. ރަޝިއާ ދޫދޭންޖެހެނީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތަކުން ފާބައިގެންނެވެ.

ޔޫކްރެއިން ދޫދޭންޖެހެނީ ރަޝިއާއަށް އަސްކަރީގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ނުރައްކާކުރާ ގައުމަކަށް ޔޫކްރެއިން ނުވެގެންނެވެ. އަދި ބޭރުގެ އެއްވެސް އަސްކަރީ ބާރަކާ ނުގުޅޭ އަދި ވަކިފަރާތަކަށްވެސް ނުޖެހޭ ނިއުޓްރަލް ގައުމަކަށް ވުމަށް ޔޫކްރެއިން އެއްބަސްވުމަށް ވެސް މި ޕްލޭން ގޮވާލައެވެ. މިއީ ރަޝިއާ ވަށާލުމަށް ނޭޓޯ ގެންގުޅޭ ސިޔާސަތުތަކާ ފުށުއަރާކަންކަމެވެ.

އަނެއްކޮޅުން ޔޫކްރެއިންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ވެސް ޔޫކްރެއިނުން އިހުތިރާމް ކުރަންޖެހޭ ކަމަށް ޗައިނާގެ ޕްލޭންބުނެއެވެ. އަދި ނިއުކްލިޔާ ބާރު އެއްވެސް ހާލަތެއްގައި ބޭނުން ނުކުރުމަށްވެސް ޗައިނާގެ ޕްލޭން ގޮވާލައެވެ.

ޔޫކްރެއިން ހަނގުރާމައިގާ ޗައިނާ ގެންގުޅެނީ ވަކި ކޮޅަކަށް ނުޖެހުމުގެ ސިޔާސަތެކެވެ. ސުލްހަވެރިގޮތުގައި މައްސަލަ ހައްލުކުރުމަށް ގޮވާލާ ސިޔާސަތެކެވެ. މި މައްސަލާގައި ޗައިނާ ދެކެ އެމެރިކާ ރުޅިއަންނަނީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގައި ޗައިނާ ބައިވެރިނުވާތީއެވެ. އަދި އެ ފިޔަވަޅުތަކަށް ޗައިނާ އެއްބާރުލުން ނުދޭތީއެވެ.

ނަތީޖާއަކަށް ވަނީ ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށް އެމެރިކާއާއި ޔޫރަޕުން އެޅި ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިއާއަށް ނުކުރުމެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ރަޝިއާއަށްވުރެ ބޮޑަށް ޔޫރަޕްގެ ގައުމުތަކަށް ކުރަންފެށުމެވެ. އެމެރިކާ ހިތްހަމަ ނުޖެހެނީ މި މައްސަލައިގައެވެ.

އެމެރިކާގެ މަސްއޫލުވެރިން ވަނީ ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެމެރިކާއާއި ޔޫރަޕަށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަށާއި އަދި ޚާއްސަކޮށް ޗައިނާއަށާއި އިންޑިއާއަށް ގޮވާލާފައެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕް ގެ ގައުމުތަކާއި ކެނެޑާ ފިޔަވައި އެހެން ގައުމަކުން އެކަމުގައި އެމެރިކާއާއި ޔޫރަޕަށް އެއްބާރުލުމެއް ނުދެއެވެ. މި މައްސަލާގައި އެމެރިކާ ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ.

comment ކޮމެންޓް