ހުކުރު ދުވަހުގެ ރޭ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި ވަޅި ޖެހި ހާދިސާއާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެެވެ.
ހާދިސާ ހިނގީ އެ ރޭ 21:30 ހާއިރެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ކްރާސާ ނަމަކަށް ކިޔާ އެ ފިހާރަށް އެ ޒުވާނާ ވަނީ އޭނާ ހޯދަމުން ދިޔަ ބަޔަކަށް ފިލުމަށެވެ. އޭނާ ފިހާރައިގެ ތެރޭ ހުއްޓައި ސައިކަލެއްގައި އައި ދެ މީހަކު އެ ފިހާރައަށް ވަދެ، އޭނާއަށް ހަމަލާ ދިނީ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.
ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.
މި މާރާމާރީގެ ކުރިން ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ނަމަކަށް ކިޔާ ފިހާރައަކަށް ވެސް މޫނު ނިވާކޮށްގެން ތިބި ދެ މީހަކުވަނީ ގެއްލުން ދީފައެވެ.
ސިލްސިލާ ގޮތެއްގައި މާލޭގައި ހިނގަމުން އަންނަ މާރާމާރީތަކާ ގުުޅިގެން ފާއިތުވި ދެ މަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކުރި ނަމަވެސް އިއްޔެ އަށް މީހަކު ކޯޓުންވަނީ ދޫކޮށްލައިފައެވެ.
ދައުލަތުގެ މީޑިއާއަށް ސީޕީ ހަމީދު އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ, މިހާރު މާލޭގައި ހިންގަމުން އަންނަ މާރާމާރީތައް ގުޅެނޭ ހަތަރު ގޭންގަކާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެރޭ ހިންގި ނުރައްކާތެރި މާރާމާރީގައި ހަރަކާތްތެރިވެފައި ވަނީ "އެންސީ ޕާކް" އަދި "ކުޑަހެންވޭރު" 'ގޭންގަށް' ނިސްބަތްވާ މީހުން ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.