އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ގާފަރު ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ދިއްފުއްޓަށް

ދިއްފުށިން ކ. އަތޮޅުގެ ތަށި އުފުލާލަނީ --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ކ. އަތޮޅުގެ ފައިނަލްގައި ގާފަރު ބަލިކޮށް ދިއްފުށިން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައި ކުޅުނު ކ. އަތޮޅުގެ ފައިނަލް މެޗު ދިއްފުށިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދިއްފުށީގެ ގޯލުތައް ޖެހީ އަހުމަދު މާޒިންއާއި ރިލްވާން ރަޝީދުގެ އިތުރުން މާހީ އިބްރާހީމްއެވެ. މާޒިން ވަނީ އެ މެޗުގައި ދެ ގޯލުޖަހައިފައެވެ.

މެޗުގައި ގާފަރުގެ ގޯލުތައް ޖެހީ އަލީ މާއިސްއާއި އިބްރާހީމް ރިމާހުއެވެ. މާއިސް ވަނީ މެޗުގައި ދެ ގޯލުޖަހައިފައެވެ.

ގާފަރު ވަނީ މިދިޔަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅެފައެވެ. އަދި މިއަހަރު ގޯލްޑެން ފުޓްސަލް ޗެމްޕިއަންޝިޕް ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރި ޓީމަކީ ވެސް ގާފަރެވެ.

ގާފަރާއި ދިއްފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސަން ސިޔާމް މީޑިއާއެވެ. ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

comment ކޮމެންޓް