ދައުވާނުކޮށް ގުއަންޓަނާމޯގައި 20 އަހަރަށް ބޭތިއްބި ޕާކިސްތާނުގެ ދެ މީހަކު ދޫކޮށްލައިފި

ގުއަންޓަނާމޯ ބޭގެ އަސްކަރީ ޖަލު -- ފޮޓޯ/ ގެޓީ އިމޭޖަސް

އެމެރިކާގެ ގުއަންޓަނާމޯ ބޭގައި 20 އަހަރު ވަންދެން އެއްވެސް ދައުވާއެއް ނުކޮށް ބޭތިއްބި ޕާކިސްތާނުގެ ދެ މީހަކު އިއްޔެ މިނިވަންކޮށްފިއެވެ.

ދޫކޮށްލި ދެ މީހުންނަކީ ދެ ބެއިން ކަމަށްވާ އަބްދުލް ރައްބާނީ އާއި މުހައްމަދު ރައްބާނީއެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ ދެ މީހުން މިހާރު އަނބުރާ ޕާކިސްތާނަށް ފޮނުވާލާފައިވާ ކަމަށެވެ. އެ ދެ މީހުން ދޫކޮށްލީ އެ މީހުންގެ ފަރާތުން އެމެރިކާއަށް ނުރައްކަލެއް އޮތް ކަމަށް މިހާރު ނުބެލެވޭތީ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ކަރާޗީއިން 2002 ވަނަ އަހަރުއެވެ. އެއީ ޕާކިސްތާނުގައި އަލްގައިދާގެ މެމްބަރުންނަށް ތިބޭނެ ތަނެއް ހަމަޖައްސައި ދިނުން ފަދަ އެހީތައް އެމީހުން ވެދީފައިވާ ކަމަށް ތުހުމަތުކޮށެވެ.

އެ ދެ ބެއިން ވަނީ އެ މީހުން ހައްޔަރު ކުރުމަށް ފަހު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން އެމީހުންނަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާގެ އަސްކަރީ ރެކޯޑުތަކުގައިވާ ގޮތުން އެ ދެ މީހުންގެ ފަރާތުން ޖާސޫސީ ގޮތުން މުހިންމު މައުލޫމާތެއް ލިބިފައިނުވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ގުއަންޓަނާމޯ ބޭ ގާއިމްކުރީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން ހައްޔަރު ކުރި މީހުން ބޭތިއްބުމަށެވެ.

އެ ޖަލުގައި އެންމެ ގިނަ މީހުން ހައްޔަރުކޮށްފައި ތިބީ 2003 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެ ދުވަސްވަރު އެމެރިކާއިން ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރި 600 މީހަކު ޖަލުގައި ތިއްބެވެ. އެ ޖަލުގައި މީހުން ހައްޔަރު ކުރުން ދިފާއުކޮށް ވާހަކަ ދައްކާ މީހުން ބުނަނީ އޭގެ ސަބަބުން ޓެރަރިސްޓު ހަމަލާތައް ހުއްޓުވޭ ކަމަށެވެ.

ނަމަވެސް ފާޑު ކިޔާ ފަރާތްތަކުން ވަނީ، ގުއަންޓަނާމޯގައި މީހުން ހައްޔަރު ކުރި އިރު އެމީހުންގެ އިންސާނީ އަދި ދުސްތޫރީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން މިހާރު ދަނީ ގުއަންޓަނާމޯ ހުސްކޮށް، އެ ޖަލު ބަންދު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު އެ ޖަލުގައި ތިބީ 32 ގައިދީންނެވެ. އޭގެ ތެރެއިން ދައުވާކޮށްފައި ވަނީ 11 މީހަކަށެވެ. އަދި ކުށް ސާބިތުވެފައި ވަނީ ދެ މީހެއްގެ މައްޗަށެވެ.

comment ކޮމެންޓް